ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތައިލެންޑަށް ފުރާ ފިރިހެން ޤައުމީ ވޮލީބޯޅަ ޓީމާ ނައިބުރައީސް ބައްދަލުކުރައްވައިފި

ތައިލެންޑަށް ފުރާ ފިރިހެން ޤައުމީ ވޮލީބޯޅަ ޓީމާ ނައިބުރައީސް ބައްދަލުކުރައްވައިފި

ތައިލެންޑްގައި ކުރިއަށްދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށްޓަކައި އެ ޤައުމަށް ފުރާ ފިރިހެން ޤައުމީ ވޮލީބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސްގެ ނައިބު ވަނީ ޓީމުގެ ކުޅުންތެރިންނަށް ތަމްރީނުތަކުގައި ބައިވެރިވެ، ޤައުމަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދުމަށް ހިތްވަރު ދެއްވާފައެވެ. އަދި ކުޅިވަރުގެ ތެރެއިން ޤައުމީ ރޫޙު އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ތައިލެންޑްގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ކުޅުންތެރިންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ޤައުމީ ވޮލީބޯޅަ ޓީމަށް މިފަދަ ބައިނަލްއަޤްވާމީ ތަމްރީނުތައް ލިބުމަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.