ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަބީހުގެ ހޫނު ރައްދެއް މޫކޭ އަށް، ވަޒީފާއިން މީހުން ކަނޑަނީއެއް ނޫން، މިއީ ޕޮލިސީ ތަންފީޒު ކުރުން: ނަބީހް

އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ނަބީހް އަފީފް --
އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ނަބީހް އަފީފް --

ވަޒީފާއިން މީހުން ކަނޑަނީ ނޫންކަމަށާއި، ކުރީ ސަރުކާރުތަކުން ހަދާފައިވާ ޕޮލިސީތައް މިސަރުކާރުން ތަންފީޒު ކުރަނީ ކަމުގައި ވިދާޅުވެ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ނަބީހް އަފީފް، އިދިކޮޅަށް ރައްދެއް ދެއްވައިފިއެވެ. 

އިދިކޮޅު އެމްޑީޕީން މިމަހުގެ 3 ވަނަ ދުވަހުގެރޭ "ލޫޓުވާލައިފި" ނަމުގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ކުރީގެ ސަރުކާރުތަކުން ހަދާފައިވާ ޕޮލިސީތައް ތަންފީޒު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަބީހް މިހެން ވިދާޅުވީ، އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓް އޭނާ ކުރައްވާފައިވަނީ، އާރްޑީސީން ވަޒީފާއިން ވަކިކުރި މުވައްޒަފަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ މުވައްޒަފަކީ "ލޫޓުވާލައިފި" މުޒާހަރާގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނަބީހްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ތަންފީޒު ކުރަމުންދާ ޕޮލިސީތަކަކީ، ކުރީގެ އެމްޑީޕީ ސަރުކާރުގައި ހަދާފައިވާ ޕޮލިސީތަކެއް ކަމަށެވެ.

ނަބީހު މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ޕޮލިސީތަކުގައި ސަރުކާރުގެ ކުންފައްޏެއްގެ އިސް މަގާމެއްގައި ހުރެ، ސަރުކާރަށް ފާޑުކިޔުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 

"ވަޒީފާއިން މީހުން ކަނޑަނީއެއް ނޫން. ޕޮލިސީތައް ތަންފީޒު ކުރަނީ. މިއީ އެމްޑީޕީ ސަރުކާރުގައި ހަދާފައިވާ ޕޮލިސީތަކެއް. އެ ޕޮލިސީތައް މި ސަރުކާރުން ވެސް ތަންފީޒު ކުރާނެ،" ނަބީހްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅު އެމްޑީޕީން "ލޫޓުވާލައިފި" ނަމުގައި ބޭއްވި މުޒާހަރާއަކީ، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ބުނެ، އަސާސީ ހައްގުތައް ކަނޑުވާލާފައިވާ ކަމަށް ތުހުމަތުކޮށް ބޭއްވި މުޒާހަރާއެކެވެ. މި މުޒާހަރާގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން، ސިވިލް ސާވިސްގެ ގަވާއިދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ދިވެހިރާއްޖޭގެ ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި، ސިވިލް ސާވަންޓުން ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި، ސަރުކާރަށް ފާޅުގައި ފާޑުކިޔުމާ ގުޅޭގޮތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ގަވާއިދުތައް ހިނގާނެ މިންވަރާ މެދު އޮތީ ސުވާލު އުފެދިފައެވެ.

އެމްޑީޕީން ވަނީ، ސިޔާސީ ނުފޫޒުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައެވެ. އަދި އެފަދަ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.