ފައްޔާޒުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެސީސީއަށް ހާޒިރުވާން އަންގައިފި
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް މިއަދު އަންގައިފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ހިންގާ ތަހުގީގެއްގައި އަންނަ ހޯމަ ދުވަހު ހެނދުނު 9:30 އަށް އޭސީސީއަށް ހާޒިރުވާން އޭނާއަށް އަންގާފައިވަނީ، ސިޔާސީ ނުފޫޒުތަކުގެ ދަށުވެފައިވާކަމަށް އޭނާ ތުހުމަތުކުރައްވާ ދަނޑިވަޅެއްގައެވެ.
އޭސީސީން ފައްޔާޒުގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި، 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ. މިގޮތުން، ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުނި ކަމަށްވާ ސްވިފްޓް އިންޖިނިއަރިންއަށް ހައްގު ނޫން މަންފާއެއް ހޯދައިދީ، ދައުލަތަށް ލިބެން އޮތް ފައިދާއެއް ގެއްލުވާލާފައިވާކަމަށް ތުހުމަތުކުރެވެއެވެ.
Ads by BMLމި އަމުރު ލިބުމާއެކު ފައްޔާޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭސީސީއަކީ މިހާރު އިންސާފުވެރި ތަހުގީގެއް ކުރާނެ މުއައްސަސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ފާއިތުވި ދެ އަހަރު ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު ފުނޑާލާފައިވާކަމަށާއި، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ވަޒީފާގެ ޔަގީންކަން ހޯދުމަށް ސިޔާސީ ނުފޫޒުގެ ދަށުގައި މަސައްކަތްކުރަމުން އަންނަކަން ދިވެހިންނަށް ސާފުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
Ads by MACL
