ހިތަދޫ އުތުރުގެ ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކުރުމާއި، ލައިޓިންގ ސިސްޓަމް މަރާމާތުކުރުމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި
ހިތަދޫ އުތުރުގެ ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކުރުމާއި، ލައިޓިންގ ސިސްޓަމް މަރާމާތުކުރުމުގެ ޔަގީންކަން ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ދެއްވައިފިއެވެ.
މިނިސްޓަރު ރާފިއު އެޔަޤީންކަން ދެއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާންއާ ބައްދަލުކުރައްވައި، އެ ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ. މި ބައްދަލުވުން އޮތީ މިއަދުއެވެ.
މަޖިލިސް މެމްބަރު ސިނާން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ޒުވާނުން ކުޅިވަރުގެ ދާއިރާއިން ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކާ ބެހޭގޮތުން ވަޒީރާ މަޝްވަރާކުރެވުނު ކަމަށާއި، ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދެވުނު ކަމަށެވެ. ޚާއްސަކޮށް، ހިތަދޫ އުތުރުގައި އައު، ޒަމާނީ ކުޅިވަރު އެރީނާއެއް ތަރައްޤީކުރުމުގެ ޕްލޭންތަކަށް ބަލައިލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމީގެ އިތުރުން، ވަޒީރު ރާފިޢު ވަނީ ހިތަދޫ އުތުރުގެ ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކުރުމާއި، ލައިޓިންގ ސިސްޓަމް މަރާމާތުކުރުމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އައްޑޫއަށް އަލަށް ގެނެސްފައިވާ ޖިމްގެ އާލާތްތައް ވީހާވެސް އަވަހަކަށް ބެހެއްޓި ބޭނުންކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި ކަމަށް ސިނާން ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސިނާންއާއެކު ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންނާއި، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބެއް ކަމަށްވާ އެފްސީ ޒެޕިއަރގެ ނައިބު ރައީސާއި މެމްބަރަކު ބައިވެރިވިއެވެ.
ސިނާން ވަނީ އައްޑޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ވަޒީރު ރާފިޢު ދެއްވި ވަގުތާއި، އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުން ބިނާކުރުމަށް ދެއްވާ އަހައްމިޔަތު ކަމާއި މަސައްކަތްޕުޅަށް ވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއްވިއެވެ.
Ads by MACL
