ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަލަސްތީނު މިނިވަން ނުވަނީސް ދިވެހީންގެ މަސައްކަތް ނުނިމޭނެ: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---

ފަލަސްތީނަށް މިނިވަންކަން ލިބިއްޖައުމަށް ދާންދެން ދިވެހިރާއްޖޭގެ މަސައްކަތް ނުނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާވެއްޖެއެވެ.

ތުރުކީގެ މަޝްހޫރު ނޫހެއް ކަމަށްވާ އަނަދޯލުއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މިހެން ވިދާޅުވިއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި، ބައިނަލްއަޤްވާމީ މުޖުތަމައުއިން އިސްރާއީލާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

ރައީސް މުއިއްޒު ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ހުރިހާ ޤައުމުތަކަށް ހަމަހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ ފްލޮޓިލާއަށް އިސްރާއީލުން ހުރަސް އެޅުމުގެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި އިންސާނީ އެހީ އުފުލާ އުޅަނދުފަހަރަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ "ބައިނަލްއަޤްވާމީ ޤާނޫނަށް ކުރާ ފުރައްސާރައެއް" ކަމަށެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމައުއިން ހަމައެކަނި ކުށްވެރިކުރުމުގެ ބަސްތަކުން އެއްކިބާވެ، ބައިނަލްއަޤްވާމީ ޤާނޫނު ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖެ ގަބޫލުކުރާ ކަމަށެވެ. އިސްރާއީލަށް އެއްވެސް އިސްތިސްނާއެއް ދީގެން ނުވާނެ ކަމަށާއި، މިފަދަ ޖަރީމާތަކަށް ފުރުސަތު ނުދޭނެކަން ސާބިތުކޮށްދިނުމަށްޓަކައި ދެމެހެއްޓެނިވި ސިޔާސީ ޕްރެޝަރާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އިސްރާއީލު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ވަނީ އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ މައްސަލައިގައި ބައިވެރިވެފައެވެ. ރައީސް ވިދާޅުވީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަދައި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އ.ދ.ގެ ފުރިހަމަ މެމްބަރޝިޕް ފަލަސްތީނަށް ލިބިދިނުމަށް ރާއްޖެއިން ތާއީދުކުރަމުން ގެންދާނެ ކަމަށާއި، ފަލަސްތީނުގެ މައްސަލަ ހަނދާން ނައްތާނުލައި އިންސާފު ގާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އ.ދ. އާއި ބައިނަލްއަޤްވާމީ ކޯޓުތައް ބަލިކަށިވަނީ އެތަންތަނުގެ ޒާތުން ނޫން ކަމަށާއި، އެތަންތަން ރަނގަޅަށް މަސައްކަތް ނުކުރެވޭ ގޮތް ހަދަނީ ބާރުގަދަ ޤައުމުތަކުން،" ރައީސް ވިދާޅުވިއެވެ. ރާއްޖެ ފަދަ ކުޑަ ޤައުމަކަށްވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅޭއިރު، އެއީ ހަމައެކަނި ރަމްޒީ އަމަލެއް ނޫން ކަމަށާއި، ރާއްޖެ އެކަނިވިޔަސް "އެ ސްޓޭންޑް ބަދަލެއް ނުވާނެ" ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އިތުރު ޤައުމުތަކުން މިފަދަ ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ، "ޖުމްލަ އަސަރު އަޅައިނުލާ ތިބެވޭވަރަށްވުރެ ބޮޑުވެގެންދާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލީ ފައިދާ ނުވަތަ ސިޔާސީ ފަސޭހަކަން މަޢުޞޫމު ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ފުރާނައަށްވުރެ މުހިންމުވެއްޖެނަމަ، އަޅުގަނޑުމެން ދުނިޔޭގެ މުޖުތަމައުއެއްގެ ގޮތުގައި އަޚްލާޤީ މިސްރާބު ގެއްލިދާނެ. ހަޤީޤީ މިނިވަންކަން މިންކުރެވެނީ ޤައުމެއްގެ ބޮޑުމިނުން ނުވަތަ ސަލާމަތީ ބާރަކުން ނޫން. ނަމަވެސް ޕްރެޝަރުގެ ދަށުގައިވެސް އަމިއްލަ ޟަމީރަށް ތެދުވެރިވެ ތިބުމުގެ ޤާބިލުކަމުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިސްރާއީލް ޕާސްޕޯޓު ހޯލްޑަރުން ދިވެހިރާއްޖެއަށް ވަނުން މަނާކުރުމުގެ ނިންމުމަކީ ފަސޭހައިން ނިންމި ނިންމުމެއް ނޫން ކަމަށާއި، "އެއީ އަޅުގަނޑުމެންގެ ޟަމީރާއި އަދުލު އިންސާފަށް އޮތް އިލްތިޒާމާ އެއްގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރުމަށް ގަސްތުގައި ނިންމި ނިންމުމެއް" ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމުމުގެ އަސަރު މިންކުރަންވާނީ ވަގުތުން ފެންނަ ނަތީޖާއަކުން ނޫން ކަމަށާއި، އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕްގެ މިސާލެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނަށް އަބަދުވެސް ދިވެހީންގެ ހިތުގައި ޚާއްސަ މަޤާމެއް އޮންނަ ކަމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިންވެސް ދިވެހިރާއްޖެއިން ފަލަސްތީނު ރައްޔިތުންގެ ދައުލަތެއް އުފެއްދުމުގެ ހައްގާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ދިފާއުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ ޤާނޫނުގެ ހުކޫމަތު ދެމެހެއްޓުމަށް މެކޭނިޒަމްތައް ވުޖޫދުގައި އެބައޮތް. ނަމަވެސް ބާރުގަދަ ޤައުމުތަކުން އިސްރާއީލު ސަލާމަތްކުރާއިރު، އެ މެކޭނިޒަމްތައް ބަލިކަށިވެ، އަދުލު އިންސާފު ލަސްވެއްޖެ. ބައިންޑިންގ ރޫލިންގތައް ނެރުނު ކަމުގައިވިޔަސް، އެ ތަންފީޒުކުރުމުގެ ޖަމާއީ ބާރު ނެތުމުން، އެއީ ހުސް އިޝާރާތްތަކަކަށް ވެގެން ދިޔައީ،" ރައީސް ވިދާޅުވިއެވެ. ފަލަސްތީނަށް އަދުލު އިންސާފާއި މިނިވަންކަން ހާސިލުވަންދެން ފަލަސްތީނު ރައްޔިތުންނާއެކު ދިވެހީން ތިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.