ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާ ހަނގުރާމަ ނިމުނަސް ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި

ޣައްޒާ ހަނގުރާމަ ނިމުނަސް ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި

ޣައްޒާގައި އިޒްރޭލުން ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި އެވެ. މިކަން ހާމަކޮށްފައިވަނީ، ޣައްޒާގައި ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސުް އިން އެއްބަސްވުމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.

އިޒްރޭލުން މީގެ ދެ އަހަރު ކުރިން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ނިންމިޔަސް، އެ ސަރަހައްދުގައި ހިންގާފައިވާ ބަނޑަށްޖެއްސުމާއި މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް އިންސާފު ހޯދުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެކެވެ. އަދި އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއްގެ ގޮތުގައި މި އެއްބަސްވުން ވަނީ ސިފަކޮށްފަ އެވެ.

މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް، ރާއްޖޭގެ ބަޔާނުގައި ވަނީ މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.