މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ ތިން ބިލިއަން ރުފިޔާ އަށް!
މި އަހަރުގެ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ތިން ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެ، އެމަހަށް ލަފާކުރި އަދަދަށް ވުރެ 33.7 އިންސައްތަ އިތުރުވެއްޖެ އެވެ. މިއީ މީރާގެ ތާރީހުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސެޕްޓެމްބަރު މަހެއްގައި ލިބުނު އެންމެ ގިނަ އާމްދަނީ އެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރާ އަޅާ ބަލާއިރު މި އަދަދު 30.7 އިންސައްތަ އިތުރެވެ.
މީރާ އަށް ލިބުނު އާމްދަނީ މިހާ ބޮޑުތަނުން އިތުރުވެފައިވަނީ، މައިގަނޑު ގޮތެއްގައި ޖީ.އެސް.ޓީ، ޓޫރިޒަމް ބިމު ކުލި، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކްސްތަކާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މި އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ.
ސެޕްޓެމްބަރު މަހު މީރާ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގަ އެވެ. ޖީ.އެސް.ޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މަހުގެ ޖުމްލަ އާމްދަނީގެ 40.5 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 507 މިލިއަން ރުފިޔާ އެވެ.
Ads by BMLއެހެނިހެން މުހިންމު އާމްދަނީތަކަށް ބަލާއިރު، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ހިމެނެ އެވެ. މިއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ އަށް ވުރެ 47 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވަމުންދާ ހެޔޮ ބަދަލުތަކެވެ.
Ads by MACL
