ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮރަޕްޝަނުގެ މައްސަލަ ބަލާތީ ސޯލިހު ރުޅިގަދަވެއްޖެ، ވިދާޅުވީ ރޭވުމެއްކަމަށް!

ކޮރަޕްޝަނުގެ މައްސަލަ ބަލާތީ ސޯލިހު ރުޅިގަދަވެއްޖެ، ވިދާޅުވީ ރޭވުމެއްކަމަށް!

ކޮރަޕްޝަނުގެ ތަހުގީގުތަކަކީ ސިޔާސީ ރޭވުމެއް ކަމަށް ވިދާޅުވެ, ކުރީގެ ރައީސް ޞާލިޙް އޭސީސީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ ތިން މިނިސްޓަރެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވަނީ ސިޔާސީ ބޭނުމެއްގައި، ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ކަމަށެވެ.

މީގެ ތެރޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނަށް ވަނީ އޭސީސީއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ.

ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލިފައިވާ ދަނޑިވަޅެއްގައި މިކަންކަން ކުރިއަށް ގެންދަނީ އިންސާފުން އެއްކިބާވެ، ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ކަމަށެވެ.

އެ މަނިކުފާނު ވަނީ މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި، ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް ގޮވާލައްވާފައެވެ.

އޭސީސީން މިހާރު ތަހުގީގު ކުރަމުންދާ މި މައްސަލަތަކާ ގުޅިގެން ފައްޔާޒް ހާޒިރުކުރަނީ ހޯމަ ދުވަހުއެވެ. އަދި އަމީރު ހާޒިރުކުރަނީ އާދިއްތަ ދުވަހުއެވެ. ޑރ. އައިޝަތު އަލީ ހާޒިރުކުރާ ދުވަހެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލަތަކާ ގުޅިގެން ކުރީގެ މިނިސްޓަރުން ކަމަށްވާ ފައްޔާޒާއި އަމީރު ވެސް ވަނީ އެބޭފުޅުން ގޯހެއް ހަދާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.