ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދީފި

ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދީފި

ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ ޑީޕޯޓްކޮށް، ވަޒީފާދޭ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާ ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިންޒާރު ދީފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް އަންގާފައެވެ. މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް، އެ ބިދޭސީންގެ ވަޒީފާދޭ ފަރާތްތައް 50,000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން 2025 ޖޫން 16 ގައި އާއްމުކުރި އިއުލާނާ އެއްގޮތަށް ބަޔޯމެޓްރިކްސް އަދާހަމަކޮށްފައިނުވާކަން އެނގިފައިވެއެވެ. މިހާތަނަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ދައްކާ ގޮތުގައި، 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަދާހަމަކޮށްފައި ނުވެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ބަޔޯމެޓްރިކްސް 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް އެދިފައެވެ. މި މުއްދަތުގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު (ޖޮކް ސެންޓަރުން) ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ނަންބަރު 2007/01) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ. މީގެ އިތުރުން، އެ ބިދޭސީންގެ ވަޒީފާދޭ ފަރާތްތައް ވަޒީފާއާ ބެހޭ ޤާނޫނު (ނަންބަރު 02/2008) ގެ ދަށުން 50,000 ރުފިޔާ އިން ޖޫރިމަނާކޮށް، އިމިގްރޭޝަން ޤާނޫނުގެ ދަށުންވެސް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ރާއްޖޭގައި މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ކޮށްފާނެ އަސަރުތަކާމެދު ސުވާލު އުފެދެއެވެ.