ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި، ކާއްޓާއި މުރަނގައަށް އިތުރަށް ސަމާލުކަން ދޭންޖެހޭ: މިނިސްޓަރ މާރިޔާ
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި، ކާއްޓާއި މުރަނގައަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި، ކާއްޓާއި މުރަނގައަށް އިތުރަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ދެ ބާވަތުގެ ދަނޑުވެރިކަން އަލުން ދިރުވައި، އޭގެ އިގްތިސާދީ ފައިދާ އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުންދާ ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.
ޑރ. މާރިޔާ ވިދާޅުވީ، މުރަނގައަކީ ގިނަ ވިޓަމިން، މައުދަން، އަދި އެންޓިއޮކްސިޑެންޓްސް ހިމެނޭ ވަރަށް ފައިދާހުރި ގަހެއް ކަމުގައެވެ. ދިވެހިންގެ ކާނާއާ ގުޅިފައިވާ މި ބާވަތުގެ ފައިދާތައް، ގިނަ ބަޔަކަށް އަދިވެސް ނޭނގޭކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، މުރަނގަޔަށް އެކަށީގެންވާ ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ޚާއްސަކޮށް، މުރަނގަޔަކީ ދިވެހިންގެ ކާނާގައި ހިމެނޭ އެއްޗެއް ނަމަވެސް، އޭގެ ފައިދާ ދިވެހިންނަށް ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ބޭނުންވާކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.
Ads by BMLމިނިސްޓްރީގެ މަގުސަދަކީ މުރަނގަޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މުރަނގަ ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް އުފެއްދުމަށް ދަނޑުވެރިންނަށް އެހީތެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ. މި އުފެއްދުންތަކުގެ ތެރޭގައި މުރަނގަ ސައި، މުރަނގަ ޕައުޑަރ، މުރަނގަ ތެޔޮ، އަދި ހަންގަނޑަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ދިވެހިންގެ ކާނާގެ ފެންވަރު ރަނގަޅުވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދަނޑުވެރިންނަށް އާމްދަނީގެ އާ މަގުތައް ހުޅުވިގެންދާނެ ކަމަށް ޑރ. މާރިޔާ ފާހަގަކުރެއްވިއެވެ.
ކާއްޓަކީ ވެސް ދިވެހިންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއްބައި ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ. ކާށީގެ ކޮންމެ ބައެއްވެސް ބޭނުންކުރެވޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، ކެއުމަށާއި ބުއިމަށް، ފައިބަރއަށް، އަދި ކާށި ހިމެނޭގޮތަށް ތަފާތު އުފެއްދުންތައް އުފެއްދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ޚާއްސަކޮށް، ކާށީގެ ތަފާތު އުފެއްދުންތަކުގެ ތެރޭގައި ޑިހައިޑްރޭޓް ކުރި ކާށި، ވާރޖިން ކޮކޯނަޓް އޮއިލް، ކާށި ފެން، އަދި ދިވެހި އަތްތެރި މަސައްކަތްތައް ހިމެނޭކަން ޑރ. މާރިޔާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކަށް މާހިރުންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޑރ. މާރިޔާ ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން ކާށީގެ ދަނޑުވެރިކަން އަލުން ދިރުވައި، ކާށި ގަނޑުކޮށް ގަންނަ ފަރާތްތަކަށް އެހީތެރިވެ، ދެމެހެއްޓެނިވި އިގްތިސާދީ ނިޒާމެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މާރިޔާ ވިދާޅުވީ، ދިވެހިންގެ ކާބަފައިން ސާދާ ގޮތަކަށް ކުރި މަސައްކަތްތައް، މިހާރުގެ ޒަމާނަށް ފެތޭގޮތަށް، އާ ހުނަރުތަކާއި އީޖާދީ ޚިޔާލުތަކާއެކު ކުރިއަށްގެންދިއުމަކީ މިނިސްޓްރީގެ އަމާޒެއް ކަމުގައެވެ. މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރައި، ގައުމީ އިގްތިސާދަށް އާ އުޖާލާ މުސްތަގުބަލެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.
Ads by MACL
