ހުޅުމާލެ ހޮސްޕިޓަލުން ތާރީޚީ ކާމިޔާބީއެއް: ކަކުލުގެ ކީހޯލް ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި!
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އާ އުންމީދުތަކެއް ގެނެސްދެމުން، ހުޅުމާލެ ހޮސްޕިޓަލުގެ އޮތޯޕީޑިކް ޑިޕާޓްމަންޓުން ކަކުލުގެ އާތްރޮސްކޮޕިކް (ކީހޯލް) ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކޮށްފިއެވެ.
ޑރ. އަޙްމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު މި ސާޖަރީއާއެކު، ހުޅުމާލެ ހޮސްޕިޓަލުން ވަނީ މި ޒަމާނީ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. މިކަމުގެ ސަބަބުން، ކުރިއަށް އޮތްތަނުގައި ކަކުލުގެ މައްސަލަތައް ހުންނަ ބަލިމީހުންނަށް އަވަހަށް ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވަނީ މި ކާމިޔާބީ ފާހަގަކުރައްވައި މުޅި ޓީމަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. "މި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ޓަކައި މުޅި ޓީމަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް،" ހަލީމް ވިދާޅުވިއެވެ.
Ads by BMLމި އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ފައިދާއަކީ، ސާޖަރީއަށް ފަހު އަވަހަށް ބަލިން ރަނގަޅުވެ، ދިރިއުޅުމުގެ އާދައިގެ ހަރަކާތްތަކަށް އެނބުރި އައުމުގެ ފުރުސަތު ބޮޑުވުމެވެ. އަދި މި ޚިދުމަތް ދިވެހިރާއްޖޭގައި ފެށިގެން ދިއުމަކީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނަށްވެސް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.
ހަލީމް އިތުރަށް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން ދެމިއޮންނާނީ ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި، ދުނިޔޭގެ އެންމެ ފަހުގެ ފަރުވާތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
Ads by MACL
