ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހީންގެ ޖޯޝާއި ފޯރި އަލުން ގަލޮޅު ދަނޑަށް، ތަޖިކިސްތާނު މެޗަށް ޚާއްސަ ހަރަކާތްތަކެއް!

ދިވެހީންގެ ޖޯޝާއި ފޯރި އަލުން ގަލޮޅު ދަނޑަށް، ތަޖިކިސްތާނު މެޗަށް ޚާއްސަ ހަރަކާތްތަކެއް!

ދިވެހި ފުޓްބޯޅައަށް އަލުން ޖޯޝާއި ފޯރި ގެނައުމަށާއި، ގައުމީ ޓީމަށް ސަޕޯޓަރުންގެ ފުރިހަމަ ތާއީދު ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

މި މަހު ކުރިއަށް އޮތް ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން، ގައުމީ ޓީމަށް ތާއީދު އިތުރުކުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ހާއްސަ މަޖާ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކަކީ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ގައުމީ ޓީމަށް ސަޕޯޓަރުންގެ ފޯރިގަދަ ތާއީދު ހޯދުމަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މިއީ ޚާއްސަކޮށް ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ގައުމީ ޓީމުގެ ކުޅުންތެރިންނާ ގާތުން ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

މާދަމާ (11 އޮކްޓޯބަރ 2025) ހޮނިހިރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދާ މި ހަރަކާތުގައި ތަފާތު ގިނަ ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެންގެ މަގުބޫލު ރޮބޯމޭންގެ ޚާއްސަ ހުށަހެޅުމާއި، ބިދަބިންގެ ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ. މި ހަރަކާތްތަކުގެ އެންމެ ބޮޑު މަގުސަދަކީ، ގަލޮޅު ދަނޑަށް އަލުން ފޯރިގަދަ ދިވެހި ސަޕޯޓަރުން ގެނައުމާއި، ގައުމީ ޓީމަށް އެމީހުންގެ ތާއީދު އަލުން ހޯދައިދިނުމެވެ.

ގައުމީ ޓީމު މިހާރު ވެސް ތަޖިކިސްތާނު މެޗަށް ވަރަށް ހީވާގިކަމާއެކު ތަމްރީނުތައް ކުރަމުންދާއިރު، އެފްއޭއެމްއިން އުންމީދުކުރަނީ މިފަދަ ހަރަކާތްތަކުން ސަޕޯޓަރުންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮންނަ ލޯބި އަލުން އާލާކޮށް، މެޗު ބަލަން ގަލޮޅު ދަނޑަށް އައުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. މުޅި ގައުމުގެ އެއްބައިވަންތަކަމާއި، ގައުމީ ޖޯޝް ގަލޮޅު ދަނޑުން ފެނިގެންދާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެފްއޭއެމްއިން ވަނީ ހުރިހާ ދިވެހި ސަޕޯޓަރުންނަށް ކުޑަކުދިންނާއެކު އާޓިފިޝަލް ބީޗުގެ ހަރަކާތްތަކުގައި ބައިވެރިވެ، ތަޖިކިސްތާނު މެޗަށް ދަނޑަށް އައުމަށް ދައުވަތު އަރުވާފައެވެ.