ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ރާއްޖެއަށް!

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ރާއްޖެއަށް!

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް ތިން އަހަރު ދިވެހިރާއްޖެއިން ބަލަހައްޓަން ނިންމައިފިއެވެ. މި މަޤާމަށް ރާއްޖެ އިންތިޚާބުކުރެވުނީ ބާބަޑޯސްގައި ބޭއްވުނު ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. މިއީ ކޮމަންވެލްތުގެ ޕާލިމެންޓަރީ ދުނިޔޭގައި ރާއްޖެއިން އަދާކުރަމުންދާ ހަރުދަނާ ދައުރާއި، ސީޕީއޭގެ މަޤްޞަދުތައް އޭޝިއާ ސަރަޙައްދުގައި ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ހެއްކެކެވެ.

މި ފަޚުރުވެރި މަޤާމުގައި ދިވެހިރާއްޖޭގެ ފަރާތުން ހަރަކާތްތެރިވެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމްއެވެ. އެމަނިކުފާނުގެ ދައުރު ނިމިގެންދާނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްއާއެކުގައެވެ. ލ. އަތޮޅު ބޮޑުފޮޅުދޫއަށް އުފަން އަޙްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ 28 މެއި 2024 ގައެވެ.

ސްރީލަންކާގެ ދައުރު ހަމަވުމާ ގުޅިގެން މި މަޤާމު ރާއްޖެއަށް ލިބުނުއިރު، ސީޕީއޭގެ ހިންގާ ގަވާއިދުގައި މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކުރެވިފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝްއަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ދިވެހިރާއްޖެ މި ދައުރަށް އިންތިޚާބުކުރެވުނީކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ސީޕީއޭއަކީ ކޮމަންވެލްތުގެ އެންމެ ހަރަކާތްތެރި، ހިންގުންތެރި އަދި އެންމެ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން އެއް ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ޤާއިމުވެފައިވެއެވެ.