ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު އުޖާލާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު ރާފިޢު
ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު އުޖާލާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންކަމުގައި ވަޒީރު ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ ގައުމީ ސީނިއަރ ވޮލީ ޓީމު އިއުލާންކުރުމަށް ޒުވާނުންގެ މަޒުކަޒުގެ ހަރުގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރާފިޢު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ ފަރާތްތަކާ މަޝްވަރާކޮށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި، އެތައް މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.
Ads by BMLޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރުގެ ގިނަ ޖަމިއްޔާތަކާއި ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް ހޯދުނު މަޢުލޫމާތުތަކަށް ބިނާކޮށް، ކުޅިވަރުގެ ތަރައްޤީއަށް ހަލުވިކަމާއެކު މަސައްކަތްތައް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މިގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ތަޞްދީޤުކުރެއްވި ކުޅިވަރު ޤާނޫނު ކަމަށެވެ. މި ޤާނޫނަކީ ރާއްޖޭގެ ކުޅިވަރު އާ ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޤާނޫނުގެ އިތުރުން، ކުޅިވަރާ ގުޅުންހުރި ގަވާއިދުތައް ހެދުމާއި ގެޒެޓްކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކޮންމެ ކުޅިވަރަކަށްވެސް ހަމަހަމަކަމާއެކު އެއްބާރުލުން ދެއްވަމުން އަންނައިރު، ޚާއްސަކޮށް މި އަހަރަކީ ވޮލީބޯޅަ ކުރިއެރުވުމަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވީއޭއެމްއިން އެދުނު ގޮތަށް ކާމިޔާބުކަމާއެކު ވޮލީ މުބާރާތްތައް ހިންގިފައިވާ ކަމަށާއި، މިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ވިދާޅުވެ، ރައީސަށް ޚާއްސަ ޝުކުރެއް ވަޒީރު ދެންނެވިއެވެ.
ކުޅިވަރުގެ ދާއިރާއިން ޓެކްނިކަލް މީހުން ތަމްރީނުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. މިގޮތުން އޮފިޝަލުންނާއި ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތް، ކުޅިވަރު ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުރިއަށް ގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުޅިވަރުގެ ގޮތުން ފާހަގަކޮށްލެވޭ ގައުމަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ. އެގޮތުން ޒުވާން އެތުލީޓުން އުފެއްދުމަށް ގްރާސްރޫޓް ޕްރޮގްރާމުތައް ހިންގުމާއި، ޓެކްނިކަލް ސްޓާފުން ތަމްރީނުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން، ދިވެހި އެތުލީޓުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ، ތަޖުރިބާކާރު ބިދޭސީ ކޯޗުންގެ އެހީތެރިކަން ހޯދައިދިނުމަށްވެސް ކުޅިވަރު ވުޒާރާއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
Ads by MACL
