އެންސްޕާއިން ބޭސްފަރުވާއަށާއި މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 78 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދު ކޮށްފި
އެންސްޕާއިން ބޭސްފަރުވާއަށާއި މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 78 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދު ކޮށްފިއެވެ.
ބޭސްފަރުވާއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ސެޕްޓެމްބަރު މަހު 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިގޮތުން އެންސްޕާއިން ވަނީ ބޭސްފަރުވާއަށް ދަތިވާ ފަރާތްތަކަށް 21.8 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެންސްޕާއިން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭސްފަރުވާ ކުރި ފަރާތްތަކަށް 12.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރި ފަރާތްތަކަށް 8.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
Ads by BMLނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީ:
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,790 މީހަކަށް މާލީ އެހީގެ ގޮތުގައި 52.8 މިލިއަން ރުފިޔާ ވަނީ އެންސްޕާއިން ޚަރަދުކޮށްފައެވެ. ސެޕްޓެމްބަރު މަހު އެކަނިވެސް 144 މީހަކު މި ދަފްތަރުގައި އަލަށް ރަޖިސްޓްރީކޮށްފައި ވެއެވެ.
އެސިސްޓިވް ޑިވައިސްތަކަށް އެހީ:
މީގެ އިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3.3 މިލިއަން ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ. މި ތަކެތީގެ ތެރޭގައި ހިއަރިންގް އެއިޑް، ބައިޕެޕް މެޝިން، ވީލްޗެއަރ އަދި އޮކްސިޖަން ކޮންސެންޓްރޭޓަރ ފަދަ ތަކެތި ހިމެނެއެވެ. އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ 33 ހިއަރިންގް އެއިޑް އަދި 30 ބައިޕެޕް މެޝިނާއި މާސްކެވެ.
ކާބޯތަކެއްޗަށް އެހީ:
ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 25,640 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި އެހީ 698 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ.
Ads by MACL
