ދުއިސައްތައަށްވުރެ ގިނަ ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި
ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ސްކޫލްތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިފަހަރު ފަށައިފިއެވެ. މި ދެދުވަހުގެ މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެފައިވާއިރު، މިއީ ކުރިއަށްވުރެ ތަފާތު ގޮތަކަށް، މުދައްރިސުންގެ ޚިޔާލުތަކަށް އިސްކަންދީގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.
މި އަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ސްކޫލްތައް ހިންގުމުގައި ޕްރިންސިޕަލުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ތަޢުލީމުގެ ފެންވަރު މަތިކުރުމެވެ.
ތަޢުލީމީ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދެވޭނީ މުދައްރިސުން ތަމްރީންކުރުމަށާއި، މި ދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މީގެކުރިން ބޭއްވުނު މިފަދަ މަހާސިންތާތަކުގައި މުދައްރިސުންގެ ބައިވެރިވުން އެހާ ބޮޑު ނޫން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، މިފަހަރުގެ މަހާސިންތާއަކީ ސީދާ މުދައްރިސުންގެ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ބިނާކޮށް، ތަޢުލީމީ ދާއިރާގައި ހުރި ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތެކެވެ.
Ads by BMLމި މަހާސިންތާއަކީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ޕްރިންސިޕަލުންނާއި މުދައްރިސުންގެ ގުޅުން ބަދަހިކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމަށް މި މަހާސިންތާއިން މަގުފަހިވާނެ ކަމަށް އުންމީދުކުރެވެއެވެ.
Ads by MACL
