ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ ކައިރީގައި ސްކޫލް ކޭމްޕް ސަރަހައްދެއް 15 އަހަރަށްފަހު ހަމަޖައްސައިފި

ކޭމްޕް ސަރަހައްދު ރައީސް ރަސްމީކޮށް ހުޅުއްވައިދެއްވުން ---
ކޭމްޕް ސަރަހައްދު ރައީސް ރަސްމީކޮށް ހުޅުއްވައިދެއްވުން ---

މާލެ ކައިރީގައި، 15 އަހަރަށްފަހު ސްކޫލް ކުދިންނަށް ޚާއްސަ ކޭމްޕް ސަރަހައްދެއް ކްރޮސް ރޯޑްސްގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މި ކޭމްޕް ސަރަހައްދަކީ ކެޑޭޓް، ގައިޑް، އަދި ސްކައުޓް ހަރަކާތްތަކަށް މާލެ ކައިރިން ތަނެއް ނެތުމުގެ ކަންބޮޑުވުންތަކަށް ލިބުނު ހައްލެކެވެ. ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ގާއިމްކޮށްފައިވާ މި ސަރަހައްދަކީ ދަރިވަރުންގެ ތަޢުލީމާއި ހުނަރު ތަރައްގީ ކުރުމަށް ފަހިވާނެ މުހިންމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މި ސަރަހައްދު ދަރިވަރުންގެ ތަޢުލީމީ އެކި ހަރަކާތްތަކަށް ބޭނުންކުރެވޭނެ ކަމަށެވެ. ކޭމްޕްތަކުގެ އިތުރުން ދިރާސާތައް ކުރިއަށްގެންދިއުމަށާއި، ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމަށް ވެސް މި ތަނުގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތިން ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ މި ކޭމްޕް ސަރަހައްދުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި، ދުވަހު ކޮޓަރިއާއި މިސްކިތެއް ވެސް ގާއިމްކޮށްފައިވެއެވެ.