ސީއޭ މޯލްޑިވްސްގެ ފޯރަމްގައި މާލީ ހަރުދަނާކަމާއި ޒަމާނީ ގޮންޖެހުންތަކަށް އަލިއަޅުވައިލައިފި
މޯލްޑިވްސްގެ މާލީ ދާއިރާ ހަރުދަނާކޮށް، އެކައުންޓަބިލިޓީ އިތުރުކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް މިއަދު ފަށައިފިއެވެ.
"ސްޓްރެންތެނިންގ ފައިނޭންޝިއަލް ގަވަރނެންސް އެންޑް އެކައުންޓަބިލިޓީ" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް ޢިލްމާއި ތަޖުރިބާ ހިއްސާކުރުމުގެ މާޙައުލެއް ބިނާކޮށްދިނުމެވެ.
ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިފަދަ ފޯރަމްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމްއެންޔޫ އޮޑިޓޯރިއަމްގައި ދެ ދުވަހަށް ކުރިއަށްދާ މި ފޯރަމްގައި، އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.
Ads by BMLމި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތް ހަރުދަނާކުރުމާއި، ސަރުކާރުގެ މާލީ ހިސާބުތައް އެކްރޫއަލް ބޭސިސްއަށް ބަދަލުކުރުމާއި، ލިކުއިޑިޓީ އަދި ފިސްކަލް މެނޭޖްމަންޓްގައި ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ. މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ކަމުގައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަދި ސައިބަރ ސެކިއުރިޓީގެ މައްޗަށް ވެސް ފުޅާކޮށް މަޝްވަރާކުރެވޭނެއެވެ.
ހަމައެހެންމެ، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމާއި، ބޭރު ފައިސާގެ ރިސްކް މެނޭޖްކުރުމާއި، ސްރީލަންކާގެ މާލީ ހީނަރުކަމުން ދަސްވާ ފިލާވަޅުތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސް (އައި.ޕީ.އާރު) އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފް.ޑީ.އައި) އާ ގުޅޭ ޤާނޫނީ އޮނިގަނޑާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވޭނެއެވެ.
މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، މި ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ބޭނުންވާ ޒަމާނީ ޢިލްމާއި ތަޖުރިބާ ހޯދައިދިނުމެވެ.
Ads by MACL
