ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެދޮރުވެރިޔާ ފްލެޓް ކުއްޔަށް ދީފިނަމަ، އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލާނެ: އެފްޑީސީ

ގެދޮރުވެރިޔާ ފްލެޓް ކުއްޔަށް ދީފިނަމަ، އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލާނެ: އެފްޑީސީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކުން އެތަންތަން ކުއްޔަށް ދޭން ފަށައިފިނަމަ، އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްވައިފިއެވެ.

މިކަން ހަމްދާން ހާމަކުރެއްވީ، ފްލެޓްތައް ހަވާލުކުރަން ފެށުމާއެކު ބޮޑެތި އަގުތަކުގައި ފްލެޓްތައް ކުއްޔަށް ދޭން އިޝްތިހާރުކުރަން ފަށާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ދޫކުރަމުންދާ ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރާ ތަންތަން ކަމުގައި ހަމްދާން އޭނާގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ. އެފްޑީސީ އާއި ފްލެޓް ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ފްލެޓް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.

ހަމްދާން ވިދާޅުވީ، އެއްބަސްވުމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް، ފްލެޓް އަތުލާނެ ކަމަށެވެ.

އެފްޑީސީން ހުޅުމާލެ ދޭއްގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާއިރު، މިހާތަނަށް 78 މީހަކާ ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ. މި ފްލެޓްތަކަށް ފެނާއި ކަރަންޓް ދީފައިވާތީ، ތަޅުދަނޑި ހަވާލުކުރުމާއެކު ދިރިއުޅެން ފެށޭނެއެވެ.

ނަމަވެސް، މިހާރު ވަނީ ބައެއް ފްލެޓްތައް ބޮޑު އަގުގައި، ޚާއްސަކޮށް 25,000 ރުފިޔާއަށް ވެސް ކުއްޔަށް ދިނުމަށް އިޢުލާނުކޮށްފައެވެ.