އައްޑޫ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އައްޑޫ ސިޓީ ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތައް ގެނައުމާ ގުޅޭގޮތުން މިމަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ 9577 މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. މި ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ވޯޓަކީ އައްޑޫގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނައުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ މެދު އަދި ހުޅުދޫ އާއި މީދޫ ގުޅިގެން އެއް ކައުންސިލެއް އުފެއްދުމާ މެދު ގޮތެއް ނިންމުމަށް މި ވޯޓު ނަގާނެއެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 4355 މީހުންނަކީ ފޭދޫގެ ރައްޔިތުންނެވެ. ހުޅުދޫގައި 2874 މީހުންނަށް ވޯޓުލެވޭއިރު، މީދޫގައި 2348 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށު އޮފީސްތަކުގައިވެސް ލިސްޓު އާންމުކޮށްފައި ހުންނާނެއެވެ.
Ads by BMLޖުމުލަ 18 ވޯޓު ފޮށި މި ވޯޓަށް ބަހައްޓާނެއެވެ. މީގެ ތެރެއިން ހަތް ވޯޓު ފޮށި މާލޭގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މި ވޯޓު ނެގުމަށް ނިންމީ މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
Ads by MACL
