އަންހެން ކުދިންގެ އަޑު އަހައި، އެކުދިންނަށް އިޙްތިރާމު ލިބޭނެ މާހައުލެއް ބޭނުން: ފަސްޓް ލޭޑީ
އަންހެން ކުދިންގެ އަޑު އަހައި، އެކުދިންނަށް އިޙްތިރާމު ލިބޭނެ މާހައުލެއް ބޭނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ އަންހެން ކުދިންގެ ހިތްވަރާއި، ޤާބިލުކަމާއި އޯގާތެރިކަން ފާހަގަކުރައްވާފައެވެ.
އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މުޖުތަމައުގެ ކުރިއެރުމަށް އަންހެން ކުދިން ގެންނަ ބަދަލުތަކާއި، ދަތި ހާލަތްތަކުގައިވެސް ކެރިގެން ކުރިއަށްދާ ދިއުމަކީ އެކުދިންގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ. އެހެންކަމުން، އަންހެން ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޚިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ.
Ads by BMLކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވައިލުމާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" މިއެވެ. މި ޝިއާރުން ދައްކުވައިދެނީ އަންހެން ކުދިންގެ ލީޑަރޝިޕް ބައްޓަންކުރުމާއި، އެކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަމެވެ. މިއީ އަންހެން ކުދިންގެ ހިތްވަރާއި ޤާބިލުކަން އިތުރަށް ހާމަކޮށްދިނުމަށް ބާރުއަޅާ ޝިއާރެކެވެ.
Ads by MACL
