ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރައްޔިތުން އެދިވަޑައިގަންނަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ މަޤްސަދުގައި ގެނައި މި ޝިޕްމަންޓާއެކު، އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، ޕީ.އެސް.އައި.ޕީގެ ދަށުން ހިންގާ މަޝްރޫޢުތަކަށް ޖުމްލަ 2.5 މިލިޔަން ޓަނުގެ ބޮޑުހިލަ ބޭނުންވާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ ހުރިހާ ހިލައެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޝިޕްމަންޓާއެކު ރާއްޖެ ގެނެވުނު 56،450 ޓަނުގެ ބޮޑުހިލައިގެ ތެރެއިން ބ. މާޅޮހުގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ފުރަތަމަ ބޮޑުހިލައިގެ ބަޔެއް ވަނީ އެ ރަށަށް ފޮނުވާފައެވެ.
މި ޝިޕްމަންޓުގެ ބާކީ ހިލަތައް ބޭނުންކޮށްގެން، ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކަށް ވެސް ހިލަ ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫޢުތައް ނިމުމާއެކު ރައްޔިތުންނަށް ގިނަ ފަސޭހަތަކަކާއި ތަރައްޤީއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
Ads by BMLމިނޫނަސް، ފާއިތުވި 44 އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި މިހާރުވެސް އެ ކުންފުނިން އަންނަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
Ads by MACL
