ތަރައްޤީގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދުނިޔެއަށްވުރެ ބޮޑަށް، އާޚިރަތަށް: ރައީސް
ރާއްޖޭގެ ތަރައްޤީގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދުނިޔަވީ އިމާރާތްތަކާއި ފެންނަ ތަރައްޤީއަށްވުރެ ބޮޑަށް، އާޚިރަތުގެ ދުނިޔެއަށް ތައްޔާރުވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޤުރުއާން ރީތިކޮށް ކިޔެވުމަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި ކުރިން ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތައް އަނބުރާ ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، ކުރިން މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު ގޭގޭގައި މައިންބަފައިންނާއި ކުދިން ޤުރުއާން ކިޔަވަން އުޅުނު އާދައެވެ. އެހެންނަމަވެސް މިހާރު އެ އާދަ ނެތިގޮސްފައިވާ ކަމަށާއި، އެއީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ވަގުތުގެ ބޭނުން ހިފުމާއި ދީނީ ކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިރިއުޅުމުގެ އެކި ކަންކަމުގައި އުޅެންޖެހުނަސް، އިސްލާމް ދީނުގައި އަންގަވާފައިވާ އަޅުކަންތައްތަކަށް ވަގުތު ހުސްކުރުން މުހިންމު ކަމަށެވެ. ފަރުޟު ފަސް ނަމާދު ވަގުތުން، ޖަމާޢަތުގައި ކުރުމަށް ސަމާލުކަންދިނުމާއި، ޤުރުއާނަށް ސަމާލުކަންދީގެން ރީތިކޮށް ކިޔެވުމަށް މަސައްކަތްކޮށް، ކުދިންނަށްވެސް އެގޮތަށް ތަރުބިއްޔަތު ކުރުމަށް ރައީސް ގޮވާލެއްވިއެވެ.
Ads by BML"އިސްލާމް ދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަންކަމަކީ ވަގުތު ނެތިގެން ގޮސް، ފަހަތަށް ގޮސް، އެކަންކަމަށް ފަރުވާ ކުޑަ ކުރާ ކަންކަމަށް ވެއްޖެނަމަ، މި ޤައުމާއި މުޖުތަމަޢު ތެރޭގައި އުފާފާގަތިކަމެއް، އަމާންކަމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޤައުމަށް ޙަޤީޤީ ކުރިއެރުން ލިބޭނީ ކުރިން އޮތް މިފަދަ ރީތި އާދަތައް އަނބުރާ ގެނައުމުން ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވާ ތަރައްޤީއަކީ މާނަފުން، ވަށައިޖެހޭ ތަރައްޤީއެއް ކަމަށެވެ. ސިކުނޑިތައް ތަރައްޤީވެ، ވިސްނުން ތަރައްޤީވެ، ޢަމަލާއި ބަސް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށްދިއުމަށް އިސްކަން ދިނުމަކީ ވަށައިޖެހޭ ތަރައްޤީ ކަމަށް ރައީސް ވިދާޅުވިއެވެ. 50 ބުރީގެ އިމާރާތްތައް ހެދިދާނެ ކަމަށާއި، ނަމަވެސް ހިތުގެ ތެރޭގައި ދީނީ އަސާސްތައް ވަރުގަދަ ނުކުރެވޭނަމަ އެ އިމާރާތްތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ކުރާނެ ކަމަކަށް އޮންނާނީ މިފަދަ މުބާރާތްތަކާއި އެހެނިހެން ގޮތްގޮތުން ހިތްވަރުދީ، މަގުފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ތުއްތު ކުދިންނާއި، އަމިއްލައަށްވެސް ވިސްނުމާއި ހިޔާލާއި ފިކުރާއި ޢަމަލުތައް ތަރައްޤީވުމަށް އިސްކަންދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
Ads by MACL
