ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރިއަށް އޮތް ޤަރުނަށް އިސްލާމީ ޢަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ: މިނިސްޓަރ ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ---
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ---

ކުރިއަށް އޮތް ޤަރުނަށް އިސްލާމީ ޢަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގައި މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ ހިދާޔަތުގެ ދަށުން ކުރިއަށް އޮތް އެއްހާސްވަނަ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޢަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން މިވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކީރިތި ޤުރުއާން ފެތުރުމަށް ސަރުކާރުގެ ފެންވަރުގައި މަސައްކަތް ކުރަމުންދަނީ މިހާރު ކަމަށެވެ. އަދި ޤުރުއާނަށް މިވަރަށް އިސްކަމެއް ދެމުންދާ އެއްވެސް ދުވަސްވަރެއް މީގެ ކުރިން ނާންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މުހިއްމު އަމާޒުތަކުގެ ތެރޭގައި، މިދައުރު ނިމޭއިރު 500 ޙާފިޒުންނާއި 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުން ހިމެނެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، މިދިޔަ އަހަރު 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު، އަންނަ އަހަރު މި ޢަދަދު 50 ޙާފިޒުންނަށް އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. "ދިވެހިރާއްޖެ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކޮށް 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށްވެ އެއްހާސްވަނަ ޤަރުނުގެ ތެރެއަށް ދިވެހި އިސްލާމީ ތާރީޚުގެ ތެރެއަށް ވަދެގެންދާއިރު ޖެހިގެން އަންނަ ޤަރުނަށް ދިވެހިރާއްޖޭގެ އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ސަފެއް ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުން އަޅުގަނޑުމެންގެ އަމާޒަކީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޤުރުއާނާ ގުޅޭގޮތުން ސަރުކާރުން ހިންގާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ފަންޑެއް ޤާއިމުކުރުން ހިމެނެއެވެ. މި ފަންޑުގެ ދަށުން ކުރިއަށް އޮތްތަނުގައި ފީ ދައްކައިގެން ޤުރުއާން ކުލާސްތަކަށް ދާ ދަރިވަރުންގެ ފީ ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޤުރުއާން މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމުގެ އަގު ބޮޑުކޮށް، ޝަރަފުވެރި އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ޤުރުއާން ކިޔެވުމަށް ދެވޭ އިސްކަމާއި ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާވެގެންދާނެ ކަމުގެ އުންމީދު މިނިސްޓަރު ޝަހީމް ފާޅުކުރެއްވިއެވެ.