ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގައި އުފައްދާފައިވާ ތިން ބޭހެއް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

އިންޑިއާގައި އުފައްދާފައިވާ ތިން ބޭހެއް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

އިންޑިއާގެ ބޭސް ކުންފުނިތަކަކުން އުފައްދާފައިވާ ކެއްސާތީ ދޭ ބޭސްތަކެއްގައި ވިހަ މާއްދާއެއް އެކުލެވޭތީ ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސާތީ ބޯ ބޭސްތަކެއްގައި ޑައިއެތިލް ގްލައިކޯލް (ޑީއީޖީ) ކިޔާ ވިހަ މާއްދާއެއް ހުރިކަމަށް، ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވާކް (ސިއާން) އިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ވަނީ އެލާޓްކޮށްފައެވެ. ނަމަވެސް އެމްއެފްޑީއޭ އިން ބުނެފައިވާ ގޮތުގައި، މި ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެކޮށްފައެއް ނުވެއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ މި ތިން ކުންފުންޏަށް ދީފައެއް ނުވެއެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރާ އެއްވެސް އުސޫލެއްގެ ދަށުން، މި ކުންފުނިތަކުގެ ބޭހެއް ރާއްޖެއަށް ގެނެސްފައި ނުވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

އެހެންނަމަވެސް، ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރާތީ އަދި ބައެއް ފަހަރު އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގައި މި ފަދަ މައްސަލަތައް ހައްލުކުރުމަށް އެމްއެފްޑީއޭ އިން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ކުޑަކުދިންނަށް ދޭ ދިޔާ ބޭސް އެތެރެކުރާއިރު، ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯޓަރީ ތަހުލީލު ރިޕޯޓް ހޯދުން ހިމެނެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، އެމްއެފްޑީއޭގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ ހުޅުވާލާފައެވެ.