ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި މުޖުތަމަޢުގައި ކުރިން އޮތްގުރުއާން ކިޔެވުމުގެ ރީތި އާދަތައް އަލުން ދިރުވުމަށް ރައީސް ގޮވާލައްވައިފި

ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދިވެހި މުޖުތަމަޢުގައި ކުރިން އޮތް ގުރުއާން ކިޔެވުމުގެ ރީތި އާދަތައް އަލުން ދިރުވައި، ޚާއްޞަގޮތެއްގައި ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުމަށް ވަގުތު ހުސްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ.

ގުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިކަން ފާހަގަކުރެއްވީ، ދިވެހީންގެ ފަޚުރެއްގެ ގޮތުގައި ކުރިން އޮތް މި އާދަ، މިހާރު ފަނޑުވެފައިވާތީއެވެ.

ރައީސް ވިދާޅުވީ، މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު (ޢާންމުކޮށް ކިޔައި އުޅޭ "ދެ ނަމާދު ދޭތެރޭ") މިސްކިތްތަކުގައްޔާއި ގޭތެރޭގައި ގުރުއާން ކިޔަވަން ތިބުމަކީ ދިވެހި މުޖުތަމަޢުގައި ކުރިން އާންމުކޮށް ފެންނަމުންދިޔަ މަންޒަރެއް ކަމަށެވެ. ނަމަވެސް މިއަދު އެންމެން ވެސް ދިރިއުޅުމުގެ އެކި މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހޭތީ، އެ ރީތި އާދަ މިހާރު ނުފެންނަ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަގުތު ނެތިގެން އިސްލާމްދީނުގައި ކުރަން އަންގަވައިފައިވާ ކަންކަން ދޫކޮށްލާނަމަ މުޖުތަމަޢުގައި ހަމަޖެހުން ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނުގެ މަގުގައި ކުރިއަށް ދިއުމުގައި ނޫނީ އެހެން ވާދަވެރިކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އިސްކަމެއް ދޭންޖެހޭ މިދެންނެވި ކުރިން ހުރި އާދަތައް އަނބުރާ ގެންނަން. މަޣްރިބް ނަމާދުކޮށްގެން އިޝާ ނަމާދާ ދޭތެރޭގައި ތަރުތީބުކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަޖެހޭ [ގުރުއާން] ކިޔަވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބެން އޮތީ ގުރުއާނުގައިވާ ކަންކަމަށް ތަބާވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރީތިކޮށް ގުރުއާން ކިޔެވުމަކީ ދިވެހީން ފަޚުރުވެރިވާ ފަދަ ކަމަކަށް ހަދަންޖެހޭ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.