ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒު ށ. އަތޮޅުގެ 14 ރަށަކަށް، 4 ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސް ޑރ. މުޢިއްޒު ށ. އަތޮޅުގެ 14 ރަށަކަށް، 4 ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ 14 ރަށަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ޚާއްސަކުރެވިފައިވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީގެ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ޒިޔާރަތްކުރައްވާ 14 ރަށަކީ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއެވެ. މި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޙާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ށ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ކައުންސިލުތަކާއި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލުފުޅު ހޯއްދެވުމަށް ސަރުކާރުން އިސްކަންދޭކަން ދައްކުވައިދޭ ދަތުރުފުޅެކެވެ.