ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ދެއްކޭނެ ހަރުދަނާ ނިޒާމެއް އޮތްކަމަށް ގަބޫލުކުރަން: މާހިރުން

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ އިއްޔެގެ ފަހު ސެޝަންގެ ތެރެއިން .--- ފޮޓޯ:  މިހާރު
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ އިއްޔެގެ ފަހު ސެޝަންގެ ތެރެއިން .--- ފޮޓޯ: މިހާރު

ރާއްޖެއިން އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިޔަން ޑޮލަރުގެ ދަރަނި ދެއްކުމަކީ، މިހާރުގެ މާލީ ހާލަތަށް ބަލާއިރު، ދަތިކަމަކަށް ނުވާނެ ކަމަށް މާލީ ދާއިރާގެ ބައެއް މާހިރުން ވިދާޅުވެއްޖެއެވެ. ކުރީގެ ސަރުކާރުތަކުން ބޮންޑު ވިއްކުމުގެ ތެރެއިން ނަގާފައިވާ މި ދަރަނިތައް ދެއްކުމުގެ ގާބިލުކަން ރާއްޖެއަށް ލިބިފައިވާކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ގެ ޕެނަލް ޑިސްކަޝަނެއްގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން ވިދާޅުވީ، އަންނަ އަހަރު ބޮންޑުތަކަށް ދައްކަންޖެހޭ 500 މިލިޔަން ޑޮލަރު ދެއްކުމުގެ ގާބިލުކަން ރާއްޖެއަށް އެބަހުރި ކަމަށެވެ. މަރުކަޒީ ބޭންކު އެމްއެމްއޭގެ ރިޒާވްގެ ގޮތުގައި މިހާރުވެސް 800 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރިއިރު، ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި ވެސް ބޮޑު އަދަދަކަށް ފައިސާ ހުރިކަން ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފޯރަމްގައި ކުރި ސުވާލެއްގައި، އަންނަ އަހަރު މެޗުއާ ވާ ދަރަނިތައް ސަރުކާރަށް ދެއްކޭނެތޯ ނުވަތަ ސްރީލަންކާއަށް ކުރިމަތިވިފަދަ ކަމެއް ކުރިމަތިވެދާނެތޯ ސުވާލުކުރުމުން، އަބްދުﷲ ހަސަން ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު "ރިފައިނޭންސް" ކުރެވޭނެ ކަމަށާއި، ދަރަނި ދެއްކުމަށް ފިނޭންސް މިނިސްޓްރީގެ ގިނަ ޕްލޭންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ޗީފް ފައިނޭސް އޮފިސަރު އަލީ ވާސިފް ވެސް ވަނީ އަބްދުﷲ ހަސަންގެ ހިޔާލަށް ތާއީދުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ދަރަނިތަކުގެ ތެރެއިން ބޮޑު ބަޔަކީ ބައިލެޓްރަލް ދަރަނިކަމަށާއި، މިފަދަ އެރޭންޖްމަންޓްތައް ރީސްޓްރަކްޗާކުރެވި، ރީޝެޑިއުލް ކުރެވޭނެ ކަމަށެވެ. ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް އޮތުމުން ބައިލެޓްރަލް ދަރަނިތައް މެނޭޖްކުރުމުގައި ފަސޭހަ ގޮތްތައް ހޯދޭނެ ކަމަށް ވާސިފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވެސް ދާދި ފަހުން ވަނީ އަންނަ އަހަރުގެ ދަރަނި ދެއްކޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ތޯރިގު ވިދާޅުވީ، ކުރީގެ ދެ ރައީސުން 500 މިލިޔަން ޑޮލަރުގެ ދަރަނި ނުދެއްކި "ޑިފޯލްޓަކަށް" ދާނެ ކަމަށް ވާހަކަ ދައްކަވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ ދަރަނިތައް ދެއްކުމަށް ފައިސާ ޖަމާކުރަމުން އަންނަ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ އާއި ޗައިނާ ފަދަ ބޮޑެތި އަވަށްޓެރި ގައުމުތަކާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް ވަނީ އެހެން ދުވަސްވަރެއްގައި ދައްކާ ގޮތަށް ފަސްކުރެވިފައެވެ. މިކަމުގެ ސަބަބުން، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ނުދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލާފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.