ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރު ތެރޭ ލެބޯޓަރީގެ ޒަމާނީ ޚިދުމަތްތައް ގާއިމުކުރެވޭނެ: ރައީސް
ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ލެބޯޓަރީގެ ޒަމާނީ ޚިދުމަތްތައް ގާއިމުކޮށް ނިމިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫމަރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ އިތުރުން ސިއްހީ ދާއިރާ ހަރުދަނާކޮށް، ކޮންމެ ރަށެއްގެ ނިސްބަތުން ބޭނުންވާ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
"ރާއްޖޭގެ ހުރިހާ ރަށެެއްގައި ވެސް އަންނަ އަހަރު ނިމޭއިރު، ހަމަ ޔަގީން އެއްވެސް ރަށެއް ނުހުންނާނެ، އެ ރަށެއްގެ ނިސްބަތުން ހެދޭނެ ޓެސްޓްތައް ގާއިމް ނުކުރާ ރަށެއް ނޯންނާނެ. ހެލްތު މިނިސްޓްރީން ކަނޑައަޅާ ސްޓެންޑަޑެއް އޮންނާނެ. އެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ތަރައްގީގެ ނަތީޖާ ފޯރުކޮށްދިނުން ކަމަށެވެ.
Ads by BMLރައީސް މުޢިއްޒު ވަނީ ނޫމަރާގެ ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ މަސައްކަތް ނިމި، ވަރަށް އަވަހަށް ޓެސްޓުތައް ހެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ސިއްހީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ޚިދުމަތްތަކުގެ އިތުރުން، ރައްޔިތުންނަށް ކުޅިވަރާއި ހިތްފަސޭހަ މާހައުލު ފަހިކޮށްދިނުމަށް ވެސް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، ރަށްރަށުގައި ކުދިން ކުޅޭނެ ޕާކުތަކާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި، ނޫމަރާގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ފަށައި، ބިންގާވެސް އަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނޫމަރާގައި ރަނގަޅު ފުޓުބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އެޅުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Ads by MACL
