މައިންގެ ގައިން ދަރީންނަށް ވާރުތަކުރާ ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ
މައިންގެ ގައި ދަރީންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވައި، މި ކަންކަން ނައްތާލި ދުނިޔޭގެ ފުރަތަމަ ޤައުމުގެ ގޮތުގައި ރާއްޖެވެ ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މިކަން އިޢުލާނުކުރައްވާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން ދެންނެވޭނެ އެންމެ ބޮޑު ކާމިޔާބީއެވެ.
ޑަބްލިއު.އެޗް.އޯ އިން ވިދާޅުވި ގޮތުގައި، މައިންގެ ފަރާތުން ތުއްތު ދަރީންނަށް އެޗް.އައި.ވީ އާއި ސިފިލިސް ފެތުރުން ހުއްޓުވާފައިވާކަން 2019 ވަނަ އަހަރު ރާއްޖެއަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، މިއަދު މި ބަލިތަކުގެ ތެރެއަށް ހެޕަޓައިޓިސް-ބީ ވެސް އިތުރުވެ، ތިން ބައްޔެއް ފެތުރުން ނައްތާލި ފުރަތަމަ ޤައުމުގެ ގޮތުގައި ރާއްޖެ ވަނީ ފަޚުރުވެރި ތާރީޚެއް ގާއިމުކޮށްފައެވެ.
Ads by BMLމި ކާމިޔާބީއަށް ތަޢުރީފުކުރައްވައި ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވީ، މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ރާއްޖޭގެ ސަރުކާރުގެ ޢަޒުމާއި ބަދަހިކަން ވަރަށް ބޮޑު ކަމަށާއި، މިކަމަށް ވަރަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. "މި ތާރީޚީ ކާމިޔާބީ ވެފައި މި ވަނީ މި ލަނޑުދަނޑިއަށް މަސައްކަތްކުރާ އެހެން ޤައުމުތަކަށް އުއްމީދަކަށް އަދި ހިތްވަރަކަށް،" ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.
މައިންގެ ގައިން ތުއްތު ދަރީންނަށް ބަލިތައް ފެތުރުމަކީ ކޮންމެ އަހަރަކު އެތައް މިލިޔަން ކުދިންނަށް ބަލިތައް ޖެހޭ ސަބަބެކެވެ. ޑަބްލިއު.އެޗް.އޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23,000 މައިން ވިހާއިރު، އޭގެ ތެރެއިން 8,000 ކުއްޖަކަށް އެ ބަލި ޖެހެއެވެ. އަދި އެޗް.އައި.ވީ ހުރި 25,000 އަންހެނުން ވިހާއިރުވެސް ކުދިންނަށް އެ ބަލި ފެތުރެއެވެ. މީގެ އިތުރުން ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެއެވެ. މިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވައި، ކުޑަކުދިންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ރާއްޖެއިން ކުރި މަސައްކަތް ޑަބްލިއު.އެޗް.އޯއިން ވަރަށް ބޮޑަށް ފާހަގަކުރެއެވެ.
ޑަބްލިއު.އެޗް.އޯ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ކެތަރިން ބޮއިމީ ވިދާޅުވި ގޮތުގައި ރާއްޖޭގެ މި ކާމިޔާބީ އަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރާ ބުރަ މަސައްކަތްތަކުގެ ހެއްކެކެވެ.
Ads by MACL
