ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކުރި 4 ބޭފުޅުން ހަމަޖައްސަވައިފި

މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކުރި 4 ބޭފުޅުން ހަމަޖައްސަވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ މެންބަރުކަމަށް، މީޑިއާތަކުން އިންތިޚާބުކުރި ހަތަރު ބޭފުޅުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މީގެ އިތުރުން މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މީޑިއާ ކޮމިޝަނަށް މެންބަރުން ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ. އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ށ.ފޭދޫ، މޫނިމާގެ / އަބްދުލްއަޒީޒް އިބްރާހީމް އަދި ގދ.ތިނަދޫ، މަލަ / ޒަމްއަތު އަހްމަދު ވަހީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ / ސިމާހާ ނަސީމް އަދި ހދ. ވައިކަރަދޫ، ހިސާން / ހުސައިން ޘަޤީފެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާއިރު، މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަޤާމަށް 10 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

އެގޮތުން މި ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:

ފާރިސް ތޯހާ، ހ. ސޯސަން
އިބްރާހިމް މުހައްމަދު، ގ. ވިންޑް
މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
މޫސާ ރިލްވާން، މ. ހާވިލާ
ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މި ނަންތައް ދިރާސާ ކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރާ ނަންތައް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނެއެވެ.