ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތާވަލުން ފެންނަނީ ރާއްޖޭގެ ހަގީގީ ފެންވަރެއް ނޫން: ތަޖިކިސްތާން ކޯޗު

ތާވަލުން ފެންނަނީ ރާއްޖޭގެ ހަގީގީ ފެންވަރެއް ނޫން: ތަޖިކިސްތާން ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ ތާވަލުން މިވަގުތު ރާއްޖެ ފެންނަން އޮތް ގޮތަކީ، އެޓީމުގެ ހަގީގީ ފެންވަރު ނޫން ކަމަށް ތަޖިކިސްތާންގެ ކޯޗު ގޯރާން ސްޓެވާނޯވިޗް ބުނެފި އެވެ.

ސާބިއާ އަށް އުފަން ސްޓެވާނޯވިޗް ތަޖިކިސްތާން ޓީމާ ހަވާލުވުމަށް ފަހު، ރާއްޖެ އަތުން 2-0 އިން މޮޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. ދެވަނަ މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، ކޯޗު ސްޓެވާނޯވިޗް ބުނީ، ދެ ޓީމުގެ ދެމެދުގައި އެއް ޓީމު އަދި އަނެއް ޓީމަށް ސިއްރު ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެވާނޯވިޗް ވަނީ ރާއްޖޭގެ ޓީމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި، މި މެޗުގައި ތަޖިކިސްތާނުން 100 ޕަސެންޓް ސަމާލުވެގެން ތިބެންޖެހޭނެ އެވެ. ރާއްޖޭގެ ޓީމުގައި ހަތަރެއް ނޫނީ ފަހެއް ވަރަށް ހަލުވި އިންޑިވިޖުއަލް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި، ތަޖިކިސްތާނުން އެކަންކަމަށް ހުރިހާ ވަގުތެއްގައި ވެސް ސަމާލުވާން ޖެހޭނެ ކަމަށް ސްޓެވާނޯވިޗް ގަބޫލުކުރެ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް ފިލިޕީންސާއި ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ޓީމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ. ނަމަވެސް، ސްޓެވާނޯވިޗް ބުނީ، ރާއްޖޭން މެޗުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު ފެނުނު މަންޒަރު މުޅިން ތަފާތު ކަމަށާއި ޕޮއިންޓް ތާވަލުން ފެންނަ ކަންކަމާ ދިމާނުވާ ކަމަށެވެ.

ސްޓެވާނޯވިޗްގެ ބަހުރުވައިން: "ރާއްޖެ އެ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގައި. އެކަމަކު އަހަރެން ބުނާނީ މެޗުތަކުގެ ނަތީޖާ އެ ފެންނަ ގޮތަކަށް ނޫނޭ ކުޅުން ގޮސްފައި ހުރީ. އަހަރެންގެ ހިތުގައި އޮތްގޮތަށް މި ވާހަކަ ދައްކަނީ. ފިލިޕީންސް އިން 80 މިނިޓްގައި ރާއްޖެ ކައިރީގައި އޮތީ 2-1 ގައި. ފަހުން 4-1 ވިޔަސް، ދެން، ޓިމޯ ލެސްޓޭ މެޗަކީ ރާއްޖެ ބަލިވާން ޖެހޭ މެޗެއް ނޫން،"

އޭނާ އިތުރަށް ބުނީ، ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރާއްޖޭގެ ފަރާތުން ފެނުނު ހަމަލާތަކުން ނަތީޖާ ބަދަލުވެދާނެކަމުގެ ފުރުސަތު އޮތްކަން. "އަހަރެމެންނާ ދެކޮޅަށް ވެސް ފަހު ވަގުތު ރާއްޖޭން ދަނޑީގައި ޖެހި ހަމަލާއެއް. އެ ގޯލަށް ވަންނަމަ ސްކޯ އަކީ 2-1 އެހެންވީމަ، އަހަރެމެން މެޗުގައި ވެސް ހާލަތުތަކެއް ދިޔަ،" ސްޓެވާނޯވިޗް ބުންޏެވެ.

ގާނާގެ ސީނިއާ ޓީމާއި ސާބިއާގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފައިވާ ސްޓެވާނޯވިޗް، ތަޖިކިސްތާން ޓީމާ ކޮލިފައިންގެ މެދުތެރެއިން ހަވާލުވާން ނިންމީ އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ޔަގީންކަަމުގެ އިތުރުން، އެ ގައުމުގައި ރަނގަޅު ޓީމެއް އޮތުމުން ކަމަށެވެ. ތަޖިކިސްތާނުގައި އެ ގައުމުގެ ލީގާއި އެެހެން ގައުމުތަކުގައި ކުޅޭ ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި ކަމަށާއި އޭގެ ސަބަބުން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަސޭހަތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަކުރި އެވެ.

އޭޝިއަން ކަޕްގެ އެންމެ ފަހުގެ މުބާރާތުގެ ގަދަ 16 ގައި ވާދަކުރި ތަޖިކިސްތާން ޓީމާ ހަވާލުވެ، ސްޓެވާނޯވިޗްގެ ޓާގެޓް ކޮބައިތޯ ދެންނެވުމުން އޭނާ ބުނީ، މާ ދުރު ޓާގެޓްތަކެއް ނަހަދައި، އަބަދުވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

މާދަމާ ހަވީރު 15:30 ގައި ފަށާ ރާއްޖެ އާއި ތަޖިކިސްތާން ކުޅޭ މެޗަކީ، މިދިޔަ ދެ އަހަރު ތެރޭ ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭ ފުރަތަަމަ މެޗެވެ. ދިވެހި ސަޕޯޓަރުންގެ އެހީއާ އެކު، ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ، މި މެޗުގައި ރާއްޖެއަށް ނަތީޖާއެއް ނެރުމަށް ގޮތެއް ހަދާލެވިދާނެ ކަމަށް ބުނެފަ އެވެ.