ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުން ޖަލަށް ލިޔަސް، ވެރިކަން ބަލިކުރަން އާންމު މެމްބަރުންނާއި ރައްޔިތުން ތިބޭނެ: ފައްޔާޒު
ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުން ޖަލަށް ލިނަމަވެސް، ވެރިކަން ބަލިކުރަން އާންމު މެމްބަރުންނާއި ރައްޔިތުން ތިބޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްވެސް އަސާސެއް ނެތި، ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުން ތަހުގީގުތަކެއް ކުރިއަށްގެންދާ ކަމަށެވެ. އެމްޑީޕީ ބިރުގަންނަވާލަން ސިޔާސީ ގޮތުން މިކަން ކުރި ނަމަވެސް، ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުން ޖަލަށް ލިނަމަވެސް، މިވެރިކަން ބަލިކުރަން އާންމު މެމްބަރުންނާއި ރައްޔިތުން ތިބޭނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
އޭސީސީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ، މި ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައްވެސް ހަމަކުރެވިފައި ނުވާ ކަމަށާއި، މިއީ ވަކި މީހަކު އަންގައިގެން ކުރާ ތަހުގީގެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޭސީސީގެ ފަރާތުން ބައްދަލުކުރެއްވި ބޭފުޅުން ތިއްބެވި ގޮތުންނާއި ވާހަކައިންވެސް ލަދުގަނެފައި ތިއްބެވިކަން އެނގިގެންދިޔަ ކަމަށެވެ. މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށާއި، އޭސީސީން ދެއްކި ވާހަކަތަކުގެ ފަހަތުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
Ads by BMLފައްޔާޒް ވިދާޅުވީ، ސިޔާސީ ގޮތުން މައްސަލައެއް ބަލަން ފަށާފައިވަނީ އެމްޑީޕީން ބިރުގަނެ ފަހަތަށް ޖެހިދާނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި އެގޮތަށް ދެކޭ ސަބަބަކީ ޕީއެންސީން އެމްޑީޕީގެ މަސައްކަތްތަކާ މެދު ބިރުގަންނާތީ ކަމަށާއި، އެމްޑީޕީގެ ދައުރުގައި އެ ޕާޓީގެ އިސްވެރިން މަޑުމަޑުން ފިލައިގެން ތިބުމުން އެކަން ސާފުވެގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ދުވަސްވަރު މަގުމަތީގެ ހަރަކާތްތައް އަދި އިދިކޮޅުގެ ޒިންމާތައް އަދާނުކުރާތީ އަމިއްލަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާވެސް އެޕާޓީގެ މައްޗަށް އެޅިގެންދިޔަ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ފަހަތަށް ޖެހޭނެ ކަމަށް ދެކެނީ އެޕާޓީގެ އަމިއްލަ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ފައްޔާޒްވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް މާލެއަށް ވަޑައިގެން، އެޕާޓީން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަގުމަތީގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފައެވެ.
Ads by MACL
