ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުރިހަމަ ނިންޖަކީ އިންސާނާގެ ސިއްޙަތުގެ އެއްބައެވެ!

ފުރިހަމަ ނިންޖަކީ އިންސާނާގެ ސިއްޙަތުގެ އެއްބައެވެ!

ނިދި މުހިންމުވަނީ ކީއްވެ؟

ނިދި މުހިންމުވަނީ އިންސާނާގެ ސިއްޙަތާއި ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އެހީތެރިވެދޭތީއެވެ. ހޭލާ ހުންނައިރު އަހަރެމެންނަށް އިހުސާސްވާ ގޮތް ބިނާވެފައިވަނީ ނިދާފައި ހުންނަ ގޮތުގެ މައްޗަށެވެ. ނިދީގައި، ހަށިގަނޑު މަސައްކަތް ކުރަނީ ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށް، ހަށިގަނޑުގެ ސިއްޙަތު ދެމެހެއްޓުމަށެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ނިދި އެހީވެދެނީ ހެދިބޮޑުވުމަށެވެ. ގިނަ ދުވަހަށް ނިދި ނުލިބިއްޖެނަމަ، ދިގުދެމިގެންދާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ސިކުނޑީގެ މަސައްކަތްތަކަށާއި، ހަނދާނަށް، އަދި އެހެން މީހުންނާ ގުޅިގެން އުޅުމަށްވެސް ނިދި ނުލިބުމުގެ ސަބަބުން އަސަރު ކުރެއެވެ.

ހިތާއި ލޭ ދައުރުކުރާ ނިޒާމު

ނިދިގެން ނޮން-ރެމް ނިދީގެ މަރުހަލާއަށް ވަންނައިރު، ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ދަށްވެއެވެ. ނިދީގައި ، ހަށިގަނޑުގެ ޕެރަސިމްޕަތެޓިކް ނިޒާމުން ހަށިގަނޑު ކޮންޓްރޯލް ކުރެއެވެ. އަދި ހޭލާ ހުންނައިރު ހިތް މަސައްކަތް ކުރާ ވަރަށްވުރެ މަސައްކަތް ނުކުރެއެވެ. ރެމް ނިދީގައި އަދި ހޭލާ ހުންނައިރު، ސިމްޕަތެޓިކް ނިޒާމު ހަރަކާތްތެރިވެ، ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އާދައިގެ ހާލަތަށް މަތިވެއެވެ. ހޭލުމާއެކު ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ކުއްލިއަކަށް މަތިވުމަކީ އެންޖައިނާ ނުވަތަ ހިތުގައި ރިހުން އަދި ހާޓް އެޓޭކް ޖެހުމާ ގުޅިފައިވާ ކަމެކެވެ.

ނިދި ނުލިބޭ ނުވަތަ ގިނައިން ހޭލެވޭ މީހުންނަށް ތިރީގައިވާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ:

* ކޮރޯނަރީ ހާޓް ޑިޒީޒް
* ލޭ މައްޗަށްދިއުން
* ބަރުދަން އިތުރުވުން
* ސްޓްރޯކް ޖެހުން

ހޯމޯންތަކާއި ނިދި

ހަށިގަނޑުން ތަފާތު ހޯމޯންތައް ދުވަހުގެ ތަފާތު ވަގުތުތަކުގައި އުފައްދައެވެ. މިއީ ނިދީގެ އާދަތަކާ ނުވަތަ ސާކޭޑިއަން ކްލޮކްސްއާ ގުޅިފައިވާ ކަމެއް ކަމަށް ވެދާނެއެވެ. ހެނދުނު ހަށިގަނޑުން ކޯޓިސޯލް ފަދަ ހޯމޯންތައް ދޫކުރެއެވެ، އެއީ ހޭލުމަށް އެހީވެދޭ ހޯމޯންތަކެކެވެ. އެހެން ހޯމޯންތައް 24 ގަޑިއިރުގެ ތެރޭގައި ތަފާތުވެއެވެ. މިސާލަކަށް، ކުޑަކުދިންގެ ހަށިގަނޑުގައި ޓެސްޓޮސްޓެރޯން، އެސްޓްރޯޖަން، އަދި ޕްރޮޖެސްޓެރޯން ދޫކުރުމަށް ގްލޭންޑްތަކަށް އަންގާ ހޯމޯންތައް އުފެދެނީ ރޭގަނޑު ނިދީގައެވެ. އަދި ބާލިޣުވުމާ ގާތްވަމުންދާ ވަރަކަށް މި ހޯމޯންތައް އިތުރުވެއެވެ.

ނިދި ރަނގަޅު ނޫންނަމަ ނުވަތަ ނިދި ނުލިބޭނަމަ ތިރީގައިވާ ކަންތައްތައް ދިމާވެދާނެއެވެ:

* ބަނޑުހައިވުން ކޮންޓްރޯލް ކުރާ ހޯމޯންތައް (ލެޕްޓިން އަދި ގްރެލިން) އިތުރުވުން
* އިންސޫލިންއަށް ހަށިގަނޑު އިޖާބަދޭ މިންވަރު ދަށްވުން
* ކެއުން އިތުރުވުން، ޚާއްސަކޮށް ފެޓް ގިނަ، ފޮނި، އަދި ލޮނު ގިނަ ކާނާ
* ހަރަކާތްތެރިވުން ދަށްވުން
* މެޓަބޮލިކް ސިންޑްރޯމް

މި ހުރިހާ ކަމެއްގެ ސަބަބުން ބަރުދަން އިތުރުވެ، ފަލަވުމަށް މަގުފަހިވެއެވެ.

ނޭވާލާ ނިޒާމާއި ދިފާޢީ ނިޒާމު

ނިދީގައި، ނޭވާލާ މިންވަރު މަދުވެ، އޮކްސިޖަން ލިބޭ މިންވަރު ދަށްވެއެވެ. މި ބަދަލުތަކުގެ ސަބަބުން އެސްމާ ނުވަތަ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (COPD) ފަދަ ބަލިތައް ހުންނަ މީހުންނަށް މައްސަލަތައް ދިމާވެދާނެއެވެ. އެސްމާގެ އަލާމާތްތައް އާންމުކޮށް ގޯސްވަނީ ހެނދުނު ނިދީގައެވެ. ހަމަ އެގޮތަށް، COPD ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންގެ ނޭވާލުމުގެ މައްސަލަތައް ނިދީގައި ގޯސްވެދާނެއެވެ.

ނިދި ދިފާޢީ ނިޒާމުގެ ތަފާތު ބައިތަކަށްވެސް އަސަރު ކުރެއެވެ. ދިފާޢީ ނިޒާމުގެ ބައެއް ސެލްތައް ނިދީގައި ހުންނައިރު އިތުރަށް މަސައްކަތް ކުރެއެވެ. އެހެންކަމުން، ނިދި ނުލިބޭ މީހުންނަށް ރޯގާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ސިކުނޑީގެ މަސައްކަތާއި ހަނދާން

ނިދި އެހީވެދެނީ ކިޔެވުމަށާއި ދިގު މުއްދަތުގެ ހަނދާންތައް އުފެއްދުމަށެވެ. ނިދި ނުލިބޭ ނުވަތަ ރަނގަޅު ނިދި ނުލިބޭނަމަ، ކަންކަމަށް ސަމާލުކަން ދިނުމަށާއި ސާފުކޮށް ވިސްނުމަށް މައްސަލަތައް ދިމާވެދާނެއެވެ. ނިދި ނުލިބުމުގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް، ޚާއްސަކޮށް ކިޔެވުމަށް އަސަރު ކުރާނެއެވެ.

ނިދި މުހިންމުވަނީ ހަށިގަނޑުގެ ހުރިހާ މަސައްކަތަކަށްވެސް މުހިންމު ރޯލެއް އަދާކުރާތީއެވެ. ރަނގަޅު ނިދި ލިބުމަކީ ސިއްޙަތު ރަނގަޅުކޮށް، ދިރިއުޅުން ހަމަޖެހިފައި ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.