ސަރުކާރުގެ ބަންކަރިންގ ޚިދުމަތުން 192 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީލިބިއްޖެ
ސަރުކާރުން ފެށި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތުން، މިހާތަނަށް 192 މިލިއަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މި ޚިދުމަތުގެ ދަށުން ވިއްކާ ތެލުގެ 83 އިންސައްތައަކީ ލޯ ސަލްފަރ ފިއުލް ކަމަށާއި، މިއީ މީގެ ކުރިން ރާއްޖެއަށް ގެނެސް ބަންކަރު ކޮށްފައި ނުވާ ބާވަތެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތު ކަނޑައެޅުމަށްފަހު، މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާ ކަމަށެވެ. އެސްޓީއޯގެ ހިސާބުތަކުން ދައްކާގޮތުން، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މިހާތަނަށް 192,149,939 ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން 17,360,589.10 ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައިވާކަންވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މި ޚިދުމަތުގެ ސަބަބުން އިގްތިސާދަށް ލިބޭ ފައިދާތައް ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ބަންކަރިންގ ދާއިރާގައި ކުރިއެރުންތަކެއް އަންނަކަން ހާމަކުރައްވާފައެވެ.
Ads by BML
Ads by MACL
