ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމުގެ މަގު ފަހިވެއްޖެ: އިކޮނޮމިކް މިނިސްޓްރީ

ޕޭޕަލްގެ ޚިދުމަތް ރާއްޖެ ތަޢާރަފްކުރުމަށްދަނީ މަސައްކަތްކުރަމުން / ފޮޓޯ: އުރީދޫ
ޕޭޕަލްގެ ޚިދުމަތް ރާއްޖެ ތަޢާރަފްކުރުމަށްދަނީ މަސައްކަތްކުރަމުން / ފޮޓޯ: އުރީދޫ

އިގްތިސާދީ ތަރައްޤީއަށް ހުޅުވުނު އާ ދޮރެއްގެ ގޮތުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ފައިސާ ދެއްކުމުގެ ޚިދުމަތް ކަމަށްވާ ޕޭޕަލް ރާއްޖޭގައި ތަޢާރަފުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ޕޭޕަލްގެ ޚިދުމަތް 2026 ވަނަ އަހަރު ރާއްޖޭގައި ފެށުމަށް ވަނީ ރޭވިފަ އެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް މިނިސްޓްރީން ބަޔާންކުރެ އެވެ.

ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރުމަށްޓަކައި، ޕޭޕަލްއާއި އުރީދޫ ފިންޓެކް ގުޅިގެން މަސައްކަތްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން، ދިވެހި ވިޔަފާރިވެރިންނަށާއި އަމިއްލަ ފަރުދުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލް ގަބޫލުކުރާ ހުރިހާ ވިޔަފާރިތަކާއެކު ފަސޭހަކަމާއެކު މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ޚާއްޞަގޮތެއްގައި، އެމްފައިސާ މެދުވެރިކޮށް ޕޭޕަލް އެކައުންޓްތަކުން ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތައް ޤައުމުތަކުގައި ފެށުމަށްޓަކައި ގިނަ ފަންނީ އަދި މާލީ ކަންކަން ފުރިހަމަކުރަންޖެހެ އެވެ. ރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް ޒަމާނުއްސުރެ މިފަދަ ޒަމާނީ މުޢާމަލާތްތައް ކުރުމުގައި ދަތިތައް ކުރިމަތިވެފައި ހުރިއިރު، މި ސަރުކާރުން ވަނީ މި ދަތިތަކުން އަރައިގަނެ، މި ޚިދުމަތް ރާއްޖެއަށް ގެނައުމަށް ބޮޑު އިސްކަމެއް ދީފަ އެވެ. އެތައް ގޮންޖެހުންތަކަކަށް ފަހު، މި ހުރަސްތައް ކަޑައްތުކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމުގެ މަގު ފަހިވެފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

މި ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމަށްޓަކައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕޭޕަލްއާއި ކަމާބެހޭ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ، މާލީ ނިޒާމު ހަރުދަނާކުރުމަށާއި، އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ޤަބޫލުކުރެ އެވެ.