ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތަކަށް އެމްއޭސީއެލް އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި

ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތަކަށް އެމްއޭސީއެލް އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބިން ހިއްކުމާއި، ބިނާ ކުރުމުގެ މަސައްކަތްތައް ހިންގުމަށް ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފިއެވެ.

އެމްއޭސީއެލްއިން ވިދާޅުވާގޮތުގައި މި މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކުންފުނީގެ ނަމަކީ "ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް" ކަމަށްވާއިރު، މިއީ އެމްއޭސީއެލްގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. މީގެ އިތުރުން، އެމްއޭސީއެލްގެ ބޯޑު މެންބަރު މުހައްމަދު މިހާދާއި، އަހުމަދު އަސްއަދު ހާޝިމް، ހުސައިން ރިޔާޒު އަދި އަހުމަދު ސާނިއު ވެސް ހިމެނެނީ މި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައެވެ.

ޕެނިންސިއުލާ އިންފްރާސްޓްރަކްޗާއިން މިހާރު ވަނީ އެކިއެކި މަޝްރޫއުތައް ހިންގުމަށް ބައިވެރިން ހޯދުމަށް އިއުލާނު ކޮށްފައެވެ. މި ކުންފުނީގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ފައިދާހުރި، ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތައް ހިންގުމެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތްތަކުގެ އިތުރުން، މިފަދަ މަސައްކަތްތަކަށް ބޭނުންވާ ބޮޑެތި ވެހިކަލްތައް ކުއްޔަށް ދިނުން ވެސް ހިމެނެއެވެ.

ނަމަވެސް، މި ކުންފުނި އުފެއްދުމާ ގުޅޭގޮތުން އެމްއޭސީއެލްއިން މިހާތަނަށް އެއްވެސް ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.