ކޮމަންޑޫ އެއާޕޯޓް ދެ އަހަރާއި ބައިގެ ތެރޭގައި ހުޅުވޭނެ: ރައީސް މުއިއްޒު
ށ. ކޮމަންޑޫ އެއާޕޯޓްގެ މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމަވާލައްވައި ހުޅުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއާޕޯޓް ތަރައްގީކޮށް، އޮޕަރޭޓްކޮށް ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި އެއާޕޯޓް މަޝްރޫއުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި، މަޑުޖެހުމެއްނެތި މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ބަންޑްވޯލްގެ މަސައްކަތް ނިމި، ޑްރެޖަރު ގެނެވޭނެ ކަމަށާއި، އެއަށްފަހު ރަންވޭ އާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. "މިއަދުން ފެށިގެން ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމާ ހުޅުވާނަން. މިއީ ވަރަށް ޔަގީންކަމާއެކު ސަރުކާރުން ނިންމާނެ މަސައްކަތެއް. މިއީ އެންމެ ލަސްވިޔަސް ނިމޭނެ ތާރީހުތައް" ރައީސް ވިދާޅުވިއެވެ.
Ads by BMLބިން ހިއްކުމުގެ މަސައްކަތަށް މި މަސް ނިމޭއިރު ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ޑްރެޖަރެއް ގެނެވޭނެ ކަމަށާއި، އެ ޑްރެޖަރު ފުރަތަމަ ދާނީ ތ. ވިލުފުށީ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެވަނަ ޑްރެޖަރު އަންނަ މަހުގެ 15 ނުވަތަ 20 ގައި މާލެއައިސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތިންވަނަ ޑްރެޖަރު ޑިސެމްބަރު މަހު އައިސް ހއ. ދިއްދޫ އެއާޕޯޓްގެ ބިން ހިއްކައި ނިންމުމަށްފަހު، ށ. އަތޮޅަށް އަންނާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ކޮމަންޑޫގެ އިތުރުން ށ. ބިލެތްފައްސާއި ށ. މިލަންދޫގައި ވެސް އެއާޕޯޓެއް އެޅުއްވުމަށް ވައުދުވެވަޑައިގެންފައެވެ. ބިލެތްފަހީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އިއްޔެ ފެށިފައިވާއިރު، މިލަންދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އަންނަ އަހަރު ކޮމަންޑޫގައި 50 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައި، މިއަހަރު ނިމުމުގެ ކުރިން ޑައިލަސިސްގެ ހިދުމަތް ފަށާނެ ކަމަށެވެ. އަދި ސްކޫލްގެ މަރާމާތުގެ މަސައްކަތް އާ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޖެނުއަރީ މަސް ތެރޭގައި ފައިސާ ހަމަޖައްސަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ކޮމަންޑޫގައި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދާ ކުންފުންޏަށް ސަރުކާރުން ފައިސާ ދީ ނިންމާފައިވީނަމަވެސް މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ކުންފުންޏަށް ފަހު ފުރުސަތު ދިނުމަށްފަހު މަސައްކަތް ނުކުރާނަމަ އެގްރީމަންޓް ބާތިލް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ އާ މަރުކަޒާއި ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް އެބައޮތް ކަމަށާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވައިދޭ ކޯޒްވޭ އާއި ކަރަންޓުގެ މަސައްކަތް ވެސް ތަރުތީބުކޮށްގެން ކުރިއަށް ގެންދަވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
