ސިނިގިރޭޓް ވައްކަމުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެޕޯލޯގެ ވެރިޔާ ދިގަލި، ލޮޓަސްގެ ވެރިޔާ އާއްޓޭ ހިމެނޭ!
މި މަހުގެ ކުރީކޮޅު އެމްޕީއެލްގެ ހުޅުމާލެ ބަނދަރުން ގެއްލުނު 13.6 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި، އެކަމުގެ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ ދެ އިސް މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެއެވެ.
މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ (ހ. ނިއުހެޕިނަސް) އާއި، ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ 12 މީހެއްގެ ފުރުން މިހާތަނަށް ވަނީ މަނާކޮށްފައެވެ.
ފުލުހުން މިރޭ ބުނީ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދެ ވިޔަފާރިވެރިއަކާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި، އިތުރު އެހެން މީހެއް ކަމަށެވެ. މިހާރުވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު ސިނގިރޭޓަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓެވެ. އެއީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1,360 ކޭސް ނުވަތަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. މި ސިނގިރޭޓުތަކުގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
Ads by BMLކަސްޓަމްސް އިން ބުނީ މި ސިނގިރޭޓް ފޮށިތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި މި ސިނގިރޭޓް ކޮންޓެއިނަރުތައް ތަހުގީގު ނިމެންދެން ބެހެއްޓިފައި ހުރީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައެވެ.
މުއާޒަކީ މީގެ ކުރިން 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މީހެކެވެ. އޭނާ މިހާރު ވެސް ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައެވެ.
ފުލުހުންނަށް ކޮންޓެއިނަރުތަކުން ސިނގިރޭޓް ގެއްލިފައިވާކަން އެނގުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. ސިނގިރޭޓްތައް ޕޯޓުން ނެރުނު މީހުން އަދި ހައްޔަރުކޮށްފައި ނުވާއިރު، އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި އޮތް ދޯންޏަކަށް ސިނގިރޭޓްތައް އަރުވައިގެން ބޭރުކޮށްލާފައިވާ ކަމަށް ވަނީ އެނގިފައެވެ.
ޕޯޓުން ސިނގިރޭޓްތައް ގެންދިޔައިރު ސީސީޓީވީ ކެމެރާތަކަށް މަންޒަރު ނުފެންނާނެހެން ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
Ads by MACL
