ޒަރޫރީ 23 ބާވަތުގެ މުދާ އެސްޓީއޯއިން، ރައްޔިތުންނަށް ހެޔޮ އަގުތަކުގައި ބާޒާރަށް!
ރައްޔިތުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ޒަރޫރީ 23 ބާވަތުގެ މުދާ ގަނޑުކޮށް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ފަށައިފިއެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ރައީސް މިކަން އިއުލާނުކުރެއްވުމާ އެކު، އެސްޓީއޯއިން ވަނީ އަވަސްކަމާއެކު މި މަޝްރޫޢުގެ ތަފްސީލުތައް ހާމަކޮށް، މިއަދުން ފެށިގެން އެ ބާވަތްތައް ރާއްޖޭގެ މާކެޓުން ލިބެން ހުންނާނެކަން ހާމަކޮށްފައެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ ކުރިން ދިވެހިރާއްޖޭގައި ޒަރޫރީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަނޑޫ، ހަކުރު އަދި ފުށް ކަމަށް ވާއިރު، މި ފަހަރު މި ތިން ބާވަތުގެ އިތުރުން 23 ބާވަތެއް ހިމަނާފައި ވާތީ، ގިނަ ބަޔަކު ބޭނުންވީ އެއީ ކޮން ބާވަތްތަކެއްކަން އެނގުމަށެވެ. އެސްޓީއޯއިން މިހާރު ވަނީ މި ސުވާލަށް ޖަވާބު ދީފައެވެ.
Ads by BMLއެސްޓީއޯއިން ނޫސްތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ކާޑުގެ ތިން ބާވަތުގެ އިތުރުން ސަރުކާރުން އަގުހެޔޮކޮށް، ގަނޑުކޮށް ގެންނަން ނިންމާފައިވަނީ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީއެއްގެ އިތުރުން އެހެނިހެން ތިން ބާވަތެވެ.
މޭވާގެ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ.
ތަރުކާރީގެ ބާވަތްތަކަކީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ.
މި ލިސްޓުގައި ހިމެނޭ އެހެނިހެން ތިން ބާވަތަކީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާއްޓެވެ.
ޖުމްލަ މި 23 ބާވަތުގެ އަގުތައް އެސްޓީއޯއިން ކަނޑައަޅަނީ މާކެޓު އަގުތަކަށް ބަލައިގެން ކަމަށާއި، އަގުތަކަށް އަންނަ ބަދަލުތަކާއެކު ވިއްކާ އަގުތަކަށް ވެސް ބަދަލު އަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުދާތަކުގެ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ، މިއަދުން ފެށިގެން މި ބާވަތްތައް އެސްޓީއޯއިން އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި، ފުރަތަމަ ފިޔަވަހީގެ ގޮތުން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ރީޓެއިލްކޮށް މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގެ ސިނާއީ ސަރަޙައްދުގައި އެސްޓީއޯއިން ތައްޔާރުކުރަމުން އަންނަ ސްޓޯރޭޖް ފެސިލިޓީއެއް ނިމުމުން، ހޯލްސޭލްކޮށް ވެސް މި މުދާތައް ވިއްކަން ފެށޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެތަން ކުރިޔަށް އޮތް ރޯދަ މަހުގެ ކުރިން ނިންމުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށެވެ.
އަދި މި 23 ބާވަތުގެ މުދާ ރާއްޖޭގެ ރަށްތަކަށް ސަޕްލައިކުރުމަށްޓަކައި މާލޭގެ ބަނދަރާއި ހަމައަށް ޑެލިވަރީކޮށްދިނުމާއި، އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޝިމާދު އިތުރަށް ވިދާޅުވިއެވެ.
Ads by MACL
