ސިނގިރޭޓް ވައްކަމުގައި ހިމެނޭ 4 މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުން، ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފި އެވެ. މި ހަތަރު މީހުންގެ ތެރޭގައި އެޕޯލޯ އަދި ލޮޓަސް ކުންފުނީގެ ވެރިންނާއި، ކަސްޓަމްސްގެ ކުރީގެ އިސް ދެ އޮފިޝަލުން ހިމެނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން، އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
މި މައްސަލައަކީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓާ ގުޅުންހުރި މައްސަލައެކެވެ. ޖުމްލަ 1،360 ކޭސް ސިނގިރޭޓު ހިމެނޭ މި މުދަލުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މި ސިނގިރޭޓްތައް ވަގަށް އެތެރެކުރަން އުޅެނިކޮށް ފަޅާއެރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. އެއަށްފަހު މި ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާފަ އެވެ.
Ads by BMLއެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، ކަސްޓަމްސްއިން ހިފަހައްޓާފައިވާ މި ދެ ކޮންޓެއިނަރު ގެއްލިފައިވާކަން އެ ކުންފުންޏަށް ފާހަގަވީ އޮކްޓޯބަރު 8، 2025 ވަނަ ދުވަހުގެ ރޭގަ އެވެ. މައްސަލަ ފާހަގަވުމާއެކު އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފަ އެވެ. މިހާތަނަށް އެމްޕީއެލްގެ ހަ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން މަނާކޮށްފައިވާއިރު، ފުލުހުން ވަނީ ބައެއް ވެހިކަލްތަކާއި، އިތުރު ތަންތަން ބަލައި ފާސްކޮށްފައި ކަމަށް ރޭ ބުނެފަ އެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
Ads by MACL
