ނަރުދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއްދޭނީ ބަނދަރު ބޮޑުކުރުމާއި ފެނުގެ ނިޒާމް ޤާއިމްކުރުން: ރައީސް
ނަރުދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއްދޭނީ ބަނދަރު ބޮޑުކުރުމާއި ފެނުގެ ނިޒާމް ޤާއިމްކުރުން ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނަރުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ނަރުދޫގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ. އެގޮތުން އެ ރަށަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ބަނދަރެއްގެ މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ބަނދަރު ބޮޑުކުރެވޭނެ އެންމެ ބޮޑަކަށް ބަނދަރު ބޮޑުކުރުމުގެ ހުއްދަ، ކަމާ ބެހޭ ވުޒާރާއަށް މިހާރު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދޫގެ ރައްޔިތުންނަށް ބަނދަރެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާއި، މިކަމަށް ހިނގާނެ ޚަރަދަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLފެނަކައިން ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފަށައިގަނެ، ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ފެނަކައިން މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ނަރުދޫން އިތުރު ގޯތި ދިނުމަށް ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރައްވައި، ކަމާ ބެހޭ ވުޒާރާއިން އެ ހުއްދަވެސް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާއަށް ވެސް ރައީސް ވަނީ ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ނަރުދޫ ސްކޫލުގައި ކުލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލެއް ހިމެނޭ އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ފުޓުބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
