މިލަންދޫ އެއަރޕޯޓް 30 މަސް ދުވަހުގެ ތެރޭގައި ހުޅުވޭނެ: ރައީސް
މިލަންދޫ އެއަރޕޯޓް 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިލަންދޫ އެއަރޕޯޓް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށެވެ.
އެމަނިކުފާނު މިލަންދޫއަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ކަމަށާއި، މިއީ މުޅި އަތޮޅަށް ތަރައްޤީ ގެނެސްދޭނެ އުއްމީދީ މަޝްރޫޢެއް ކަމުން މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLރައީސް ވިދާޅުވި ގޮތުގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލް (MACL) އާ ޙަވާލުކޮށްފައިވަނީ، އެއަރޕޯޓް އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާއަށް ބަލައި، ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންހިފޭނެ ގޮތަށް ކަނޑައެޅިގެންނެވެ. މީގެ އިތުރުން، އެއަރޕޯޓް އެޅުމަށްޓަކައި ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަންޖެހޭތީ، އެއަރޕޯޓް މަޝްރޫޢު ޑިޒައިންކޮށް ކުރިއަށްގެންދާނީ އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖެހޭނެހެން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއޭސީއެލްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި، އެއަރޕޯޓް އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިމެނިފައިވާނެއެވެ. މި މަޝްރޫޢުގައި 40 ހެކްޓަރުގެ ބިން ހިއްކުމާއި، އަޕްގްރޭޑްކުރެވިގެން އައު ބަނދަރެއް ހެދުން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މަސައްކަތުގެ ޚަބަރުތައްވެސް ދެއްވާފައެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށާއި، 30 މަސް ދުވަހުގެ ތެރޭގައި ބަނދަރު ބަދަލުކުރުމާއި އައު ބަނދަރެއް ހެދުން ވެސް ހިމެނޭގޮތަށް، މިލަންދޫގައި އެއަރޕޯޓް ނިންމައި ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މިލަންދޫގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މި އެއަރޕޯޓް މަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.
Ads by MACL
