ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިނގިރޭޓް ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުއާޒު މިފްކޯއިން ސަސްޕެންޑުކޮށްފި

މުއާޒު އަލީ: ---
މުއާޒު އަލީ: ---

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މިފްކޯގެ އިސް އޮފިޝަލެއް ކަމަށްވާ މުއާޒު އަލީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާ އެކު، އޭނާގެ މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.

މިފްކޯއިން އޭނާ ސަސްޕެންޑުކުރީ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުން 30 ދުވަހުގެ މުއްދަތަށެވެ. ވައްކަމުގެ މި އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތުގައި މުއާޒު ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

މުއާޒުގެ މައްޗަށް މީގެ ކުރިން ވެސް ރިޝްވަތު ހިފުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެގޮތުން، ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި ހުރެގެން ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމަށް ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

މިފްކޯއިން ބުނީ، މުއާޒުގެ މައްސަލަތައް ދައުލަތުގެ އިދާރާތަކުން ބަލަމުންދާތީ، އެ ކުންފުނިން ވެސް އިދާރީ ގޮތުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިގޮތުން، މިފްކޯގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގެ ދަށުން މުއާޒު 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކުރުމުގެ ގޮތުން، އިންޖިނިއަރިން ޑިޕާޓްމަންޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އިންޖިނިއަރިން ޔުނިޓް، ކޮންސަލްޓަންޓް އިންޖިނިއަރު އުބައިދުﷲ ހުސައިނާ ވަނީ ހަވާލުކޮށްފަ އެވެ.

މިފްކޯއިން ބުނީ، އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައިވާ ސިނގިރޭޓް ކޮންޓެއިނަރުތައް ގެއްލިގެން އުޅޭ މައްސަލައާ އެ ކުންފުންޏާ ގުޅުމެއް ނެތް ނަމަވެސް، ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށެވެ. ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި، ގާނޫނުތަކާއި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ޔަގީންކަން ދީފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުއާޒު އަލީގެ އިތުރުން، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ހިމެނެ އެވެ. ޒިވާރަކީ ހުޅުމާލެ ޕޯޓުގެ އިސް މުވައްޒަފެކެވެ. މި ހަތަރު މީހުންނަށް ވެސް ކުރަނީ ސިނގިރޭޓް ވައްކަމުގެ އޮޕަރޭޝަން ރާވައި ހިންގުމުގެ ތުހުމަތެވެ.

ކޯޓު އަމުރަށް ބަންދުކުރި މުއްދަތު:

  • އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) – 10 ދުވަސް.

  • ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) – 15 ދުވަސް.

  • ޒިވާރު އިސްމާއިލް – 15 ދުވަސް.

  • މުއާޒު އަލީ – 5 ދުވަސް.

މިކަމާ ގުޅޭ ތަހުގީގުތައް ކުރިއަށްދާ އިރު، މިފަދަ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ހުރި މިންވަރު ސާފުވާނެ ކަމަށް ބެލެވެ އެވެ.