ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފި
ބޭރު ގައުމުތަކުގެ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމަށްޓަކައި ނަގަން ޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އުރީދޫ ފިންޓެކަށް ދީފި އެވެ.
މި ލައިސަންސްގެ ސަބަބުން، ބޭރުގެ ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ލިބޭ ފައިސާ ޑިޖިޓަލްކޮށް ރާއްޖެއަށް ގެނައުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ލިބިގެންދާނެއެވެ.
އެމްއެމްއޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އުރީދޫއާ ރަސްމީކޮށް މި ލައިސަންސް ހަވާލުކޮށްދެއްވިއެވެ. އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެންބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމަދީ މި ލައިސަންސާ ހަވާލުވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެމްއެމްއޭއިން ކުރާ މަސައްކަތަށް އުރީދޫއިން ދޭ އަހައްމިއްޔަތަށް މިކަމުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާކުރުމަށް އެމް-ފައިސާ އިން ކުރަމުން އަންނަ މަސައްކަތް މި ލައިސަންސާ އެކު އިތުރަށް ފުރިހަމަވާނެ ކަމަށް އުރީދޫއިން ބުނެއެވެ.
Ads by BMLމި ލައިސަންސަކީ އުރީދޫގެ ފިންޓެކް ހިދުމަތްތައް ފުޅާކުރުމަށް، ޚާއްސަކޮށް އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުން ފަސޭހަކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެކެވެ. އަމިއްލަ ފަރުދުންނާއި، ޚާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނަށް، އަދި އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
އުރީދޫން އިތުރަށް ބުނީ، ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލްކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާކޮށް، ރާއްޖެއަށް ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
Ads by MACL
