ސިނގިރޭޓު ވައްކަން: ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު ވެސް ސަސްޕެންޑުކޮށްފި
ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 13 މިލިއަން ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ކަސްޓަމްސްއިން ހިފަހައްޓައިފައިވަނިކޮށް އެތަކެތި ވަގަށް ނެގި މައްސަލައާ ގުޅިގެން، ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މިއަދު ސަސްޕެންޑުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ޒިވާރު ގެނެސްފައިވާއިރު، އޭނާ ސަސްޕެންޑުކުރިކަން ކަސްޓަމްސްއިން ވަނީ އެކްސްގައި ހިއްސާކޮށްފައެވެ. ޒިވާރުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކަސްޓަމްސްއިން ބުނި ނަމަވެސް، ސަސްޕެންޑުކުރި މުއްދަތާއި މުސާރައާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް 26 ގައި ކަސްޓަމްސްއިން ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި މި ސިނގިރޭޓުތައް ވަގަށް ނެގިކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލައިގައި ޒިވާރުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި)، އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ތެރެއިން މުއާޒު ފަސް ދުވަހަށް، ވަހީދު 10 ދުވަހަށް އަދި އާރިފާއި ޒިވާރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން މިފްކޯއިން ވަނީ މުއާޒު 30 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހާމަވެއްޖެނަމަ އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެމްޕީއެލްއިން ވެސް މިހާރު ދަނީ މި މައްސަލައިގެ އެތެރޭގެ ތަހުގީގެއް ހިންގަމުންނެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު ހަރުދަނާކުރުމަށް ކޯސްޓްގާޑްގެ ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށާފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
Ads by MACL
