ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓް ހުޅުވުމާއެކު އުތުރުގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް!
ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓް ހުޅުވުމާއެކު އުތުރުގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް އެރަށުގެ މަސްވެރިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ށ. އަތޮޅު ދަތުރުފުޅާ ގުޅުވައިގެން، ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސް ޕްލާންޓް މިރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ހިދުމަތާއެކު އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އާ އުންމީދެއް ގެނެސްދޭނެކަމަށް ބެލެވެއެވެ. ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސާއެކު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މިފްކޯއާ ހަވާލުކުރި މި ޕްލާންޓްގައި ދުވާލަކަށް 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނުގެ އައިސް ރައްކާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އައިސް ޕްލާންޓްގެ ސަބަބުން މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، މަސްވެރިންނަށް ފަސޭހަކަމާއެކު މަސްވެރިކަން ކުރިއަށް ގެންދެވޭނެއެވެ.
Ads by BMLމި ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސްވެރިންނަށް ބޭނުންވާ އެކި ހިދުމަތްތައް ފުޅާކުރުން ހިމެނެއެވެ. ފުނަދޫ އައިސް ޕްލާންޓަކީ މިފަދަ މަސައްކަތްތަކުގެ ތެރެއިން ހާސިލުވި މުހިންމު ކާމިޔާބީއެކެވެ.
Ads by MACL
