ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުން 3 މީހަކު ހޯދަނީ

ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: ޕޮލިސް
ބަންޑުން ޖަހާލައިފައި އޮތް ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ. ފޮޓޯ: ޕޮލިސް

ރޭ ދަންވަރު މާލެއަތޮޅު ސަރަހައްދުން ދަތުރުކުރި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި، އޭގައި ތިބި 7 މީހުންގެ ތެރެއިން ތިން މީހަކު ގެއްލިއްގެން ހޯދަމުން ދާކަމަށް މެރިން ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގިއިރު އުޅަނދުގައި ތިބި ހަތަރު މީހުން މެރިން ފުލުހުން ވަނީ ސަލާމަތްކޮށްފަ އެވެ.

މެރިން ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 3:48 އެހާކަން ހާއިރު އެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންނާއި ސިފައިން ގުޅިގެން މިހާރު ވެސް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، 100 ފޫޓުގެ ދިގު މި ކޮޅުވެއްޓި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުންޖެހުނީ އެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ބަންޑުންޖެހުނު ވަގުތު ތިބީ އުޅަނދުގައި ހުރި އެކްސްކަވޭޓާއެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެރިން ފުލުހުން ހާމަކުރެ އެވެ.

މި ހާދިސާ ހިނގި ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަނީ ގޯސްވެފަ އެވެ. މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ފަތިހު 4:30 އިން ހެނދުނު 8:30 އަށް ރީނދޫ އެލާޓް ނެރެފަ އެވެ. މި ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.