ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމަށް މިއަދު ހެނދުނު 8:04 ހާއިރުއެވެ.

މެރިން ފުލުހުން ބުނި ގޮތުގައި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި، ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރުއެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުން ދަނިކޮށް، އެމްއެންޑީއެފުން ދެންމެ ވަނީ ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ހާމަކޮށްފައެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކަވޭޓަރެއްގެ ތެެރޭގައެވެ.

މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްކަމަށް މެޓް އޮފީހުން ބުނެއެވެ. އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކޮޅުވެއްޓި ދަތުރުކުރީ ރީތި ރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިއަދޫ އަށް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.