ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ކޮޅުވެއްޓި ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ރޭ ފަތިހު ކޮޅުވެއްޓިއެއް ބަންޑުންޖެހި ހިތާމަވެރި ހާދިސާއަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިތާމަ ފާޅުކުރައްވައި، ނިޔާވި ފަރާތަށް ތައުޒިޔާ ރައްދުކުރައްވާފައެވެ.

މި ހާދިސާގައި އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައިވާކަމުގެ ހަބަރު ލިބިވަޑައިގަތުމުން ފުން ހިތާމަ ކުރެއްވިކަމަށް ރައީސް މުޢިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ނިޔާވި މަރްޙޫމަށް ﷲ ސުބްހާނަހޫ ވަތަޢާލާގެ ރަޙުމަތް ލެއްވުން އެދި ދުޢާކުރައްވާފައިވާއިރު، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވިއެވެ. އަދި، މި ހާދިސާގައި މިހާތަނަށް ގެއްލިފައިވާކަމަށް ފާހަގަކުރެވިފައިވާ ދެ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ސަލާމަތްވި ފަޅުވެރިންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކުން އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އައުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަޅުވެރިންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން، ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުފަތުރުގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ރޭ މެންދަމު 3:48 ހާއިރު މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ބަންޑުންޖެހި، އޭގައި ތިބި ތިން ފަޅުވެރިން ގެއްލިފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. އުޅަނދުގައި ތިބި ޖުމްލަ ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މެރިން ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކަވޭޓަރެއްގެ ތެެރޭގައެވެ. މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަން މިހާތަނަށް އެނގިފައިވާއިރު، ގެއްލުން އެހެން މީހުންނަކީ ދިވެހިންކަމެއް ނުވަތަ އެހެން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.

މިދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައި ވާތީ، މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.